ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފްކުރި "ޗާލު ދިވެހިރާއްޖެ އެވޯޑް" އަށް ވޯޓުލުމަށް ހުޅުވާލައިފިއެވެ.
ޗާލު ދިވެހިރާއްޖެ އެވޯޑަކީ، ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
މި އެވޯޑަށް 7 ގެޓަގަރީއަކުން 50 ރަށަކުން ކުރިމަތިލާފައިވެއެވެ. އެވޯޑަށް ވޯޓުލުމުގެ ފުރަތަމަ މަރުޙަލާގައި ކޮންމެ ކެޓަގަރީއަކުން އެންމެ ގަދަ ފަސް ރަށް ހޮވުމަށްވަނީ ހަމަޖެހިފައެވެ.
* އެންމެ ރީތި ގޮނޑުދޮށް
* އެންމެ އެކުވެރި މުޖުތަމަޢު
* ދެމެހެއްޓެނިވި ތަރައްޤީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް
* ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް
* ރަށު ފަތުރުވެރިކަމުގެ އެންމެ ޒިންމާދާރު ރަށް
* އެންމެ ހިތްގައިމު ރަށު މަންޒިލް
* އަހަރުގެ އެންމެ ޗާލު ރަށް
މި އެވޯޑަށް ވޯޓުލެވޭނީ ޕީއެސްއެމް އެއަރ މޮބައިލް އެޕލްިކޭޝަން މެދުވެރިކޮށެވެ. ވޯޓުލުމަށް ހުޅުވާލާފައިވަނީ، އަންނަ ފެބްރުއަރީމަހުގެ 15ވާ އާދިއްތަ ދުވަހާ ހަމައަށެވެ.
ޗާލު ދިވެހިރާއްޖެ އެވޯޑަކީ، ރަށްރަށުގެ ރައްޔިތުންގެ މެދުގައި ރަށަށް ލޯބިކުރުމުގެ ރޫޙު އާލާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާދަކާދަތަކަށް ދިރިއުޅުން ބައްޓަންކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދިނުމަށް ތަޢާރަފްކޮށްފައިވާ އެވޯޑެކެވެ. ރަށްރަށުގެ ކާމިޔާބީ ފާހަގަކޮށް، އެކަންކަން ޤައުމީ ފެންވަރުގައި ފާހަގަކުރުމަކީ މި އެވޯޑު ތަޢާރަފްކުރުމުގެ މަޤްސަދެކެވެ.