ޚަބަރު

ކޮލަންބޯ ސެކިއުރީޓީ ކޮންކްލޭވްގެ 7 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން ބާއްވައިފި


  • މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ

  • މި ބައްދަލުވުން ކުރިއަށްދިޔައީ ނިއުދިއްލީގެ ސުޝްމާ ސުވާރާޖް ބަވަންގައި ކުރިއަށްދިޔަ

ކޮލަންބޯ ސެކިއުރިޓީ ކޮންކްލޭވް (ސީ.އެސް.ސީ) ގެ 7 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ނިއުދިއްލީގެ ސުޝްމާ ސުވާރާޖް ބަވަންގައި ކުރިއަށްދިޔަ މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، އަޖިތު ދޯވަލް ކޭ.ސީ އެވެ.

މި ކޮންކްލޭވްގެ މެންބަރު ޤައުމުތައް ކަމަށްވާ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސްގެ ވަފުދުތަކުގެ އިތުރުން، ކުރީގެ އޮބްޒަރވަރ ޤައުމުތައް ކަމުގައިވާ ބަންގްލަދޭޝް އަދި ސީޝެލްސް އިން ވަނީ، މެންބަރު ޤައުމުތަކުގެ ގޮތުގައި މި އަހަރުގެ ބައްދަލުވުމުގައި ބައިވެރިވެފައެވެ. މީގެ އިތުރުން، މެހެމާނެއްގެ ގޮތުގައި މެލޭޝިއާއިން ވެސް ވަނީ، މި ބައްދަލުވުމުގައި، ބައިވެރިވެފައެވެ.

ދިވެހިރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ޑެޕިއުޓީ ކޮމިޝަނަރ (ރިޓަޔަރޑް) އަދި ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ލަޠީފެވެ. މީގެ އިތުރުން، ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤާއި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢާއިޝަތު އަޒީމާވެސް މި ވަފުދުގައި ހިމެނިވަޑައިގަތެވެ.

ކޮލަންބޯ ސެކިއުރިޓީ ކޮންކްލޭވްގެ މައިގަނޑު މަޤްޞަދަކީ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެންބަރު ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ގުޅިގެން ޙައްލު ހޯދުމެވެ. މިގޮތުން، މެންބަރު ޤައުމުތަކުން އެއްބާރުލުން ދިނުމަށް މައިގަނޑު 5 ރުކުނެއް ކަނޑައަޅާފައިވެއެވެ. އެއީ:

- ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން
- ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް މަސައްކަތް ކުރުން
- ވަގުފާރި އަދި ޤައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުން
- ސައިބަރ ސެކިއުރިޓީ އާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުން
- އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ކާރިސާތަކާ ގުޅިގެން އެހީތެރިވެދިނުން

މި ބައްދަލުވުމުގެ ކުރިން، އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ވަނީ ދިވެހިރާއްޖޭގެ ވަފުދާ ވަކިން ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސަލާމަތީ ގުޅުން އިތުރަށް ބަދަހިކުރުމާއި، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.