ޚަބަރު

ކޮށިތައް ތައްޔާރުކޮށް، ކިނޮޅަހުގައި ކުކުޅު އާލާކުރުމަށް ތައްޔާރުވެއްޖެ


  • ފިޔޮއް ގެންނަނީ ރާއްޖެއިން ބޭރުން

  • ބިސް ވިއްކައިގެން ރަނގަޅު އާމްދަނީއެއް ލިބޭނެ

ވިޔަފާރި އުސޫލުން ކުކުޅު ގެންގުޅުމަށް ހާއްސަ ޕްރޮގްރާމެއް ރ. ކިނޮޅަހުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި ކިނޮޅަހު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކޮމާޝިއަލް ޕޯލްޓަރީ ފާރމިން ޕްރޮގްރާމަކީ ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ވިޔަފާރި އުސޫލުން ކުކުޅުގެންގުޅުން އިތުރުކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލުން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާފައިވަނީ ކިނޮޅަހު ކައުންސިލުންނެވެ. އަދި އެރަށުގައި މި ޕްރޮޖެކްޓު ކުރިއަށްގެންދިޔުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޕޯލްޓަރީ ފާރމިން ޕްރޮގްރާމާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ރ. ކިނޮޅަސް ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވީ ކިނޮޅަހަކީ އަބަދުވެސް ކުކުޅު ގިނަ ރަށެއްކަމަށެވެ. ޒަމާނުންސުރެއް އާންމުން ރަށުގައި ދޫކޮށްލައިގެން ގިނަ އަދަދަކަށް ކުކުޅު ގެންގުޅޭކަމަށް ވިދާޅުވިއެވެ.

އަޚްމަދު ހުސެއިން ވިދާޅުވީ ޕޯލްޓަރީ ފާރމިންގެ މަސައްކަތަކީ ކިނޮޅަހުގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައިވެސް ހިމަނޭ ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ ޕޯލްޓަރީ ފާރމިން މަސައްކަތް ފެށުމަށް ރަށުގެ ލޭންޑްޔޫސް ޕްލޭން ހަދައި 20،000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖައްސާފައިވާކަމަށެވެ.

ބިން ސާފުކޮށް ޕްރޮގްރާމް ފެށުމަށް ވާންޖެހޭ ތައްޔާރުވަމުންދާއިރު، ހުސެއިން ވިދާޅުވީ ރ. އަދި ބ އަތޮޅަކީ ގިނަ އަދަދަކަށް ރިސޯޓުތައް އޮންނަ ދެ އަތޮޅަވުމުން މި ޕްރޮގްރާމުން ކުކުޅު ބިސް ރިސޯޓުތަކަށް ފޯރުކޮށްދެވި އެކަމުގެ ނަފާ ލިބިގެންދާނެ ކަމަށެވެ.

"ނ. އަތޮޅުގައިވެސް 18 ރިސޯޓު އަދި ބ. އަތޮޅުގައިވެސް ގިނަ ރިސޯޓުތަކެއް އެބައޮތް. މި އޭރިޔާތަކުގައި މިކަން ފުޅާކޮށް ހިނގިއްޖެނަމަ މިއީ ފައިދާކުރާނެ މަސައްކަތެއް" ހުސެއިން ވިދާޅުވިއެވެ.

ރ. ކިނޮޅަހު ކައުންސިލްގެ ރައީސް ހުސެއިން ވިދާޅުވީ މި ޕްރޮގްރާމްގެ މަސައްކަތް ޑިސެމްބަރ މަހުގެ ތެރޭ ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ޕޯލްޓަރީ ފާމަށް ބޭރު ޤައުމަކުން ފިޔޮއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އަމާޒަކީ މި މަސައްކަތް ފުޅާކޮށް، ރަށަށް ފައިދާކުރާނެ ގޮތަކަށް ކުރިއަށްގެންދިޔުން ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ މާލީ އެހީތެރިކަމާއި ކައުންސިލްގެ ބަޖެޓުންވެސް ކޮންމެސް ވަރެއް ހިމަނާގެން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި އެއްގޮތައް ކުކުޅު އާލާކުރުން ނުވަތަ ޕޯލްޓަރީ ފާރމިންގެ މަސައްކަތަކީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން ދަނޑުވެރިކަމަށް ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި ކުކުޅު ބިސް އުފައްދާ ކާރުޚާނާ ނުވަތަ ޕޯލްޓްރީ ފާރމެއް ހެދުމަށް ވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ.