ޚަބަރު

ޝަރާގެ ސަރުކާރަށް ގޮންޖަހައި ޔަހޫދީ އިސްތިޢުމާރީ ސިފައިންނަށް ހިތްވަރުދޭން ނަތަންޔާހޫ ސޫރިޔާއަށް ވަދެއްޖެ


ސޫރިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން ހަރަކާތްތެރިވަމުންދާ ސަރަޙައްދަކަށް ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ދިޔުމުން ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުން އެ ކަން ކުށްވެރި ކޮށްފިއެވެ. އެޗްޓީއެސުން ސިފަކުރި ގޮތުގައި ނަތަންޔާހޫގެ އެ އަމަލަކީ، ސޫރިޔާގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަތުމުގެ ކުށެކެވެ.

ޔަހޫދީ ސިފައިން ސޫރިޔާގެ ދެކުނުގެ ބައެއް ބިންތަކަށް އަރައިގަނެ، އެ ސަރަޙައްދުތަކަށް ވެރިވެގަނެފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. ޔަހޫދީ ސިފައިން ސޫރިޔާއަށް ފޮނުވާފައި ވަނީ، ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އެޗްޓީއެސްގެ ހަނގުރާމަވެރިން ދިމިޝްޤަަށް އަރައި، އިންތިޚާބީ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމާ އެކުގައެވެ. އެއީ، ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެއަށް ފަހު، ސޫރިޔާގައި އިންތިޤާލީ ގޮތުން ވެރިކަން ހިންގަމުން ދަނީ އެޗްޓީއެސްގެ ސަރުކާރަކުންނެވެ. އަދި، ރައީސަކީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ.

ސޫރިޔާގެ ދެކުނަށް ޔަހޫދީ ސިފައިން ފޮނުވައި ޢަތްގަދަ ކޮށްފައިވާ ބައެއް ބިންތަކުގެ ތެރޭގައި އެކުވެރި ދައުލަތްތައް (އދ)ގެ ސުލްޙަ ބަލަހައްޓާ ފައުޖުން ބަލަހައްޓަމުން ދިޔަ ސަރަޙައްދުތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި، ސޫރިޔާއާއި އެ ޤައުމުގެ އަލް-ޖޫލާންގެ އުސްބިންތައް ގުޅޭ ސަރަޙައްދުތައް ހިމެނެއެވެ. އަލް-ޖޫލާނަކީ ވެސް ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ ބިމެކެވެ.

އެ ސަރަޙައްދުތަކަށް ފޮނުވާފައިވާ ޔަހޫދީ ސިފައިންނާ ބައްދަލު ކުރުމަށް އަނިޔާވެރި ނަތަންޔާހޫ އެ ސަރަޙައްދަށް ދަތުރު ކޮށްފައިވާ ކަން އޭނާގެ އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ. މިއީ، އެ ސަރަޙައްދުގައި ދިރިއުޅޭ ދްރޫޒީ ދަރިކޮޅުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަހޫދީން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން އެރުވުމުގެ ބޭނުމުގައި ކޮށްފައިވާ ދަތުރެއް ކަމުގައި އޭނާގެ އޮފީހުން ބުންޏެވެ.

ނަތަންޔާހޫ ހިންގާފައި އެ ވަނީ "ސޫރިޔާގެ ސިޔާދަތީ މިިނިވަން ކަމަށް އަރައިގަނެ، ސޫރިޔާގެ އެއްބައިވަންތަކަ
ށް ނަގައިލުމުގެ އަމަލެއް" ކަމުގައި، އޭނާގެ ދަތުރު ކުށްވެރި ކުރަމުން އެޗްޓީއެސްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި، އެއީ "ބަދަލު ނުކުރެވޭނެ ޙަޤީޤަތެއް" ކަމުގައި ވެސް އެޗްޓީއެސުން ސިފަ ކުރިއެވެ. މި ކަންބޮޑުވުންތަކަށް ޔަހޫދީ ސަރުކާރުން ރައްދުދީފައެއް ނެތެވެ.

ސޫރިޔާގެ އަލް-ޖޫލާންގެ ބިންތަކަށް ޔަހޫދީ ސިފައިން އަރައިގަނެފައި ވަނީ 1967ވަނަ އަހަރުއެވެ. އަދި، އެއަށް ފަހު ޔަހޫދީން ވަނީ އެ ބިންތައް ފޭރިގަނެފައެވެ. ނަމަވެސް، އެއީ ޔަހޫދީންގެ ބިންތަކެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެފައެއް ނުވެއެވެ. އެ ކަމަށް ތާޢީދު ކުރާ ހަމައެކަނި ޤައުމުތަކަކީ ޔަހޫދީންގެ މަދަދުގާރުންނެވެ.

ޔަހޫދީ ނަތަންޔާހޫ ސޫރިޔާގެ ސަރުކާރުގެ އެއްވެސް ހުއްދައަކާ ނުލައި، އެ ޤައުމުގެ ސިޔާދަތީ މިނިވަން ކަމަށް އަރައިގަނެފައި މި ވަނީ، އެޗްޓީއެސްގެ ސަރުކާރާއި އެމެރިކާއާ ދެމެދު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ގޮތުން، އެޗްޓީއެސްގެ ޝަރާޢު ދާދި ފަހުން ވަނީ ވޮޝިންގްޓަނަށް ގޮސް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުގެ ގޮތުގައި ބެލެވޭ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކޮށްފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ދޭދޭ ގުޅުންތައް ހަރުދަނާ ކުރުމަށް މަޝްވަރާ ކޮށްފައެވެ.