ޚަބަރު

ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ހުޅުވާލައިފި


  • ފަޅުތައް ދޫކުރަނީ 50 އަހަރަށް، 35 މަސް ތެރޭ މަސައްކަތް ފަށަންޖެހޭ

  • މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ވާޗުއަލް ބައްދަލުވުންތަކެއް ބާއްވާނެ

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 03 ފެބުރުވަރީ 2026

ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ. މި ފަޅުތަކުގައި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ 03 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށެވެ.

ރާއްޖޭގައި ފަތުރުވެރިކަން މިހާތަނަށް ތަރައްޤީނުވެ އޮތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ 3 އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އުތުރުގައި ފަތުރުވެރިކަން އިތުރަށް ތަރައްްޤީކުރުމުގެ މަޤްސަދުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.

ޓޫރިސްޓް ރިސޯޓުތައް ތަަރައްޤީކުރުމަށް ހުޅުވާލާފައިވާ ފަޅުތައް:

* ހއ. ކެލާގެ 2 ފަޅު
* ހއ. މާދުނީގެ 3 ފަރު
* ހދ. މަކުނުދޫގެ 2 ފަރު
* ހދ. މާފަރުގެ 3 ފަރު
* ށ. ގޮނާގެ 3 ފަރު

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފަޅުތަކުން ބިން ހިއްކައިގެން ރިސޯޓުތައް ތަރައްޤީކުރެވޭނެ ކަމަށެވެ. އެގޮތުން ކެލާ ފަޅު (ކެލާ ފަޅު 1: 156.2 ހެކްޓަރު / ކެލާ ފަޅު 2: 169.3 ހެކްޓަރު ) ފިޔަވައި އެހެން ހުރިހާ ފަޅެއްގައި 200 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓްތައް ތަރައްޤީކުރެވޭނެ ކަމަށެވެ. އަދި ތަރައްޤީކުރެވޭ ރިސޯޓުގައި މަދުވެގެން 150 އެނދު ހުންނަން ޖެހޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، މި ފަޅުތައް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބިން ދޫކުރެވޭތާ 35 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަންޖެހޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފަޅުތައް ފަތުރުވެރިކަމަށް ދޫކުރާނީ ވަރަށް ގިނަ ލުއިތަކާއެކު ކަމަަށެވެ. އެގޮތުން ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ތަކެތީގެ ކެޕިޓަލް އިންވެސްޓްމަންޓްގެ %15 އާ ހަމައަށް ޑިއުޓީ މަޢާފްކޮށްދިނުމުގެ އިތުރުން، ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސްސަސްއާއި އިލެކްޓްރޯނިކް އަދި އެހެނިހެން ސާމާނުން ޑިއުޓީ މަޢާފު ދޭ ކެޓެގަރީއަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ. އަދި 23 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އާއި ދެމެދު އެ ވުޒާރާ ރިސެޕްޝަނުން ބީލަން ފޮތް ލިބޭނެކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފަޅުތަކުގައި ރިސޯޓުތައް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ވާރޗުއަލް ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ފުރަތަމަ ބައްދަލުވުން ޑިސެމްބަރު މަހުގެ 9ވަނަ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބައްދަލުވުން އޮންނާނީ މިއަންނަ ޖަނަވަރީ މަހުގެ 6ވަަނަ ދުވަހުއެވެ.

އުތުރުގައި އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަން ތަރައްޤީވެފައި ނެތުމަކީ، އެ ސަރަޙައްދުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެހެންނަމަވެސް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު އެސަރަޙައްދަށް ފަތުރުވެރިކަން އަންނާނެކަމަށް ހއ، ހދ އަދި ށ. އަތޮޅުގެ ރައްޔިތުން އުއްމީދުކުރެއެވެ.