ޚަބަރު

ބަންގްލަދޭޝަށް އައި ބާރުގަދަ ބިންހެލުމެއްގައި ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް


ބަންގްލަދޭޝްގެ މެދުތެރޭ ސަރަޙައްދަކަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ތިން މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަން އެ ޤައުމުގެ ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ. ބަންގްލަދޭޝްގެ މެދުތެރޭގައި އޮތް ނޮރޮސިންދީއަށް އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 5.7ގައެވެ. އެއީ، ވެރިރަށް ދާކާއާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

ނޮރޮސިންދީއަށް އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 5.7ގައި ކަން، ބިމުގެ ހެލުންތައް ދިރާސާ ކުރާ ޖަރމަން ރީސަރޗް ސަރވިސް ފޯ ޖިޔޯސައިންސަސް (ޖީއެފްޒެޑު)ން ކަށަވަރު ކޮށްދިނެވެ. އެ އިދާރާއިން ބުނީ، ބިންހެލުން އައިސްފައި ވަނީ ބިމުގެ ސަތަހައިގެން ފެށިގެން 10 ކިލޯމީޓަރު ފުނަށް ކަމުގައެވެ. ނޮރޮސިންދީއަށް އައި ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު، އަވައްޓެރި އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކަށް ވެސް ފޯރިއެވެ. ނަމަވެސް، ބިންހެލުމާ ގުޅިގެން އެ ޤައުމުގެ އެއްވެސް ސަރަޙައްދަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

ބިމުގެ ހެލުންތައް ދިރާސާ ކުރާ ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސު)ން ބުނީ، ނޮރޮސިންދީއަށް އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 5.5ގައި ކަމުގައެވެ. އަދި، ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ވެރިރަށް ދާކާއަށް ކޮށްފައިވާ ކަމުގައި ވެސް އެ އިދާރާއިން ރިޕޯޓު ކުރިއެވެ. އެ ސަރަޙައްދަށް ބިންހެލުން އައިސްފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު ރާއްޖެ ގަޑިން 9:38ހާއިރެވެ.

ބިންހެލުމާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ވަޒަން ކުރުމަށް ބަންގްލަދޭޝްގެ ކަމާ ގުޅޭ އިދާރާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ބިންހެލުމާ ގުޅިގެން ހިނގި ހާދިސާތަކުގައި ތިން މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަން ބަންގްލަދޭޝްގެ ފުލުހުންގެ އިދާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. މި ހާދިސާގައި ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ރިޕޯޓުތައް ބުނާއިރު، ބައެއް ގެދޮރު ވެއްޓިފައިވާ ކަމުގައި ވެސް ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓު ކުރިއެވެ. ނަމަވެސް، އެ ކަންކަމުގެ ތަފުސީލު ބަންގްލަދޭޝްގެ ކަމާގުޅޭ އިދާ
ރާތަކުން އަދި މިހާތަނަށް ހާމަކޮށްފައެއް ނެތެވެ.

ބަންގްލަދޭޝަކީ ވަރަށް ހަރަކާތްތެރި ތިން ޓެކްޓޯނިކް ޕްލޭޓް ގުޅޭ ސަރަޙައްދެއްގައި އޮތް ޤައުމެކެވެ. އެއީ، އިންޑިޔާ، ޔޫރޭޝިޔާ އަދި ބަރްމާ ޓެކްޓޯނިކް ޕްލޭޓްތަކެވެ. ހުސްވި އޮކްޓޫބަރު މަހު ވެސް ބަންގްލަދޭޝްގެ ސަރަޙައްދުތަކަށް ބިންހެލުމެއް އައިސްގެން ރިޕޯޓު ކޮށްފައިވެއެވެ. އެ ޤައުމުގެ ބިންހެލުންތަކާ ބެހޭ އިދާރާ، ނޭޝަނަލް ސެންޓަރ ފޯ ސައިސްމޮލޮޖީން ބުނީ، އެ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 3.4ގައި ކަމުގައެވެ. ކޮންމެ އަކަކިލޯމީޓަރެއްގައި 300,000އެއްހާ މީހުން ދިރިއުޅޭ ދާކާއަކީ ދުނިޔޭގައި އޮތް އެންމެ ބައިބޯ އެއް ރަށެވެ.