ޚަބަރު

ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ ހިފައިގެން ދިޔަ ފުރަތަމަ ބޯޓު ބަނދަރުކޮށްފި


  • ފުރަތަމަ ބޯޓު ބަނދަރު ކުރީ، 127 ޓަނުގެ މުދާ ބަރުކޮށްގެން

  • މިބޯޓުން ގެނައީ، އެސްޓީއޯއާއި އަމިއްލަ ވިޔަފާރިވެރިއެއްގެ މުދާ

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ ހިފައިގެން ދިޔަ ފުރަތަމަ ބޯޓު އެރަށަށް ބަނދަރުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ވިދާޅުވީ، އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށި ސިޓީއަށް ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުޅުދުއްފުއްޓަށް މުދާ ހިފައިގެން ދިޔަ ފުރަތަމަ ބޯޓު މިއަދު އެރަށުގައި ބަނދަރުކޮށްފައިވާ ކަމަށެވެ.

ކުޅުދުއްފުއްޓަށް މުދާ ހިފައިގެން ދިޔަ ބޯޓަކީ، ޓުޓިކޮރިން އިން 127 ޓަނުގެ މުދާ ބަރުކޮށްގެން ދިޔަ "ވީބީ ޕްރޮގްރެސް" ބޯޓެވެ.

މި ބޯޓުން ގެނެސްފައިވަނީ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ގެނައި އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި، އަދި އަމިއްލަ ވިޔަފާރިއެއްގެ ކާބޯތަކެތީގެ ބާވަތްތައް ކަމަށް އެމް.ޕީ.އެލްއިން ވިދާޅުވެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ވިދާޅުވީ، މިހާރު ޝެޑިއުލްކޮށްފައިވަނީ، ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މަހަކު އެއްދަތުރު ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް މުދާ ގެންނަ މިންވަރަކުން، މި ދަތުރުތައް އިތުރުކުރެވޭނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ބަނދަރުގެ އޮޕަރޭޝަންސްތައް ހަރުދަނާ ކުރުމަށް އެމްޕީއެލްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް ދާއިމީ ގޮތެއްގައި ދަތުރުތައް ހަމަޖެއްސުމަށް އެކުންފުނިން ވަނީ، ކުޅުދުއްފުށި ވިޔަފާރިވެރިންނާ ބައްދަލުކޮށް، އުތުރުގެ ރަށްރަށުގައި ވިޔަފާރީގެ ފުރުޞަތުތައް އިތުރުކޮށް، މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދާއިމީ ގޮތެއްގައި ޓުޓިކޮރިން އިން ސީދާ ކުޅުދުއްފުއްޓަށް މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމާއެކު، ކުޅުދުއްފުއްޓާއި އުތުރުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް އަގު ހެޔޮކޮށް މުދާ ލިބުމަށް މަގު ފަހިވެގެންދާނެ ކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.

މިދިޔަ އަހަރު ވަނީ، އެމް.ޕީ.އެލް މެދުވެރިވެގެން ޓުޓިކޮރިން އިން ހިތަދޫ ބަނދަރަށް ދާއިމީކޮށް މުދާ ގެނެވޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ. ޓުޓިކޮރިން އިން ހިތަދޫ ބަނދަރަށް ފުރަތަމަ މަހަކު އެއް ދަތުރު ޝެޑިއުލް ކުރި ނަމަވެސް، މިހާރު މަހެއްގެ މައްޗަށް ކުރާ ދަތުރުގެ އަދަދު ވަނީ އިތުރުކޮށްފައެވެ.