ޚަބަރު

ޣައްޒާގެ ކާބޯތަކެތީގެ ޙާލަތު ދަނީ ރަނގަޅުވަމުން، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: އދ


2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުން ދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު އެއްބަސްވުމަކަށް ޢަމަލުކުރަން ފެށި ފަހުން ޣައްޒާއަށް ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި، ނަމަވެސް އެއީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެތީގެ ހަޤީޤީ މިންވަރަށްވުރެ ބޮޑުތަނުން މަދު ޢަދަދެއް ކަމަށް ދުނިޔޭގެ ކާބޯތަކެއްޗާބެހޭ އިދާރާ، ޑަބްލިޔުއެފްޕީން ބުނެފިއެވެ.

ޑަބްލިޔުއެފްޕީގެ ތަރުޖަމާނު މާޓިން ޕެނަރ ވިދާޅުވީ އެއްބަސްވުން ޤާއިމްކުރުމުގެ ކުރިން އޮތް ޙާލަތަށް ވުރެ ޣައްޒާގެ ޙާލަތު މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. ނަމަވެސް ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ދުޅަ ހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނަށް އަދިވެސް އަވަސް ގޮތަކަށް ކާބޯތަކެތީގެ އެހީތެރިކަން ބޭނުންވާ ކަމަށް ޑަބްލިޔުއެފްޕީން ބުނެއެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ބަނޑުހައިހޫނުކަން ވަޒަންކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ވަނީ ޣައްޒާގެ ބައި މިލިޔަނެއްހާ ޢާންމުވެގެންވާ ބަނޑުހައިހޫނު ކަމެއް ތަހައްމަލް ކުރަމުންދާ ކަމަށް ބުނެފައެވެ.

މި ހަފްތާގެ ކުރީކޮޅު ޣައްޒާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސަހަރުގެ ބައެއް ރައްޔިތުން ފަހަށް ރައްކާކޮށްފައިވާ ބައެއް ކާބޯތަކެތި ވަނީ ގެއްލިފައި ނުވަތަ ހަލާކުވެފައެވެ. ފިނި މޫސުން ބޯމަތިވެފައިވާއިރު ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތައް އެ ކަމުން ވެސް ދޭހަކޮށްދޭ ކަމަށް ޑަބްލިޔުއެފްޕީގެ އިސް ތަރުޖަމާނު، އަބީރު އާތިފް ވި
ދާޅުވިއެވެ.

ދެ އަހަރަށް ދެމިގެންދިޔަ ހަނގުރާމައިގެ ޙާލަތުގައި ޣައްޒާގެ އިމާރާތްތައް ވަނީ އެއްކޮށްހެން ސުންނާފަތިވެފައެވެ. އެ ސަހަރަށް އިންސާނީ ކާރިޘާއެއް ކުރިމަތިވެ، ރައްޔިތުން އުޅެމުން ދަނީ ނުހަނު ދަތި ޙާލަތުގައެވެ. ހަނގުރާމަ ހުއްަޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޑަބްލިޔުއެފްޕީން ޣައްޒާއަށް 40،000 ޓަނުގެ ކާބޯތަކެތި އެތެރެކޮށްފައިވާ ނަމަވެސް، އެ ޖަމްޢިއްޔާއަށް ފޯރުކޮށްދެވިފައި ވަނީ އަމާޒު ހިފި ޢަދަދުގެ ގާތްހަނޑަކަށް 30 އިންސައްތައެވެ. 1.6 މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ އިދާރާއިން މަސައްކަތް ކުރި ނަމަވެސް، އެހީ ލިބިފައި ވަނީ ގާތްގަނޑަކަށް 530،000 މީހުންނަށެވެ. އެދެވޭ މިންވަރަށް ތަކެތި ފޯރުކޮށްދެވިފައި ނުވާ މައިގަނޑު ސަބަބަކީ ތަކެތި އެތެރެކުރުމުގައި މި މަހުގެ ކުރީކޮޅު ކުރިމަތިވި ބައެއް މައްސަލަތައް ކަމަށް އެ އިދާރާއިން ބުނެއެވެ. ނަމަވެސް މިހާރު ސާމާނު އެތެރެކުރެވޭ މިންވަރު ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށް ޑަބްލިޔުއެފްޕީން ބުނެއެވެ.

ޣައްޒާގެ ބާޒާރުތަކުން ތަކެތި ލިބޭ މިންވަރު ވެސް ކޮންމެވެސް ވަރަކަށް އިތުރުވި ނަމަވެސް ތަކެތީގެ އަގުތައް އަދިވެސް އުޅެނީ އާދަޔާޚިލާފަށް މަތީގައެވެ. މިއީ ހަނގުރާމައިގެ ސަބަބުން އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ތަކުލީފެކެވެ. ޣައްޒާގައި ކުކުޅެއްގެ އަގު ވެސް 25 ޑޮލަރަށް އަރާއިރު، ރައްޔިތުން ބަރޯސާވާން ޖެހެނީ ކާބޯތަކެތީގެ އެހީއަށް ކަމަށް ޑަބްލިޔުއެފްޕީން ބުނެއެވެ.