ޚަބަރު

ސިޓީތަކާބެހޭ ވުޒާރާއަށް 2 އަހަރު، ޚާއްސަ ހަރަކާތްތަކެއް!


  • ސިޓީތަކާބެހޭ ވުޒާރާގެ 200އެއްހާ މުވައްޒަފުން ބައިވެރިވި

  • ހަރަކާތްތައް ކުރިއަށްގެންދިޔައީ 4 ޓީމަކަށް ބަހާލައިގެން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސިޓީޓަކާބެހޭ ވުޒާރާއިން އެ ވުޒާރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުޅިވަރު ހަރަކާތްތަކެއް މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ.

4 ޓީމަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ސިޓީތަކާބެހޭ ވުޒާރާގެ 200އެއްހާ މުވައްޒަފުން ބައިވެރިވެފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ސިޓީތަކާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ކުޅިވަރު ހަރަކާތްތަކަކީ، އެ ވުޒާރާގެ މުވައްޒަފުންގެ ގުޅުން ވަރުގަދަކޮށް، އެއްބައިވަންތަކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ހަރަކާތުގެ ތެރެއިން، ރިލޭތަކާއި، ޖޫގޯ ރަން، ޓަގް އޮފް ވާ، ޖަޔަންޓް ފުޓް ވޯކް ފަދަ ތަފާތު ގިނަ ކުޅިވަރުތަކެއް ކުޅެފައިވެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ، މުވައްޒަފުންގެ އެއްބައިވަންތަކަން އިތުރުކުރުމަށް ކުރިއަށްގެންދެވޭ ހަރަކާތްތަކެއްކަމަށެވެ. އަދި 2 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ރާވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ވޭތުވެދިޔަ 2 އަހަރަކީ މިނިސްޓްރީގެ ވަރަށް ކާމިޔާބު މަސައްކްތަކެއް ކުރެވުނު 2 އަހަރު. މީގެ ހުރިހާވެސް ނަތީޖާއެއް މި ނެރެވޭ އެންމެ ބޮޑު އެއް ސަބަބަކީ އަޅުގަނޑުމެންގެ މިނސިްޓްރީގެ މުވައްޒަފުންގެ އޮންނަ ބަދަހި ގުޅުމާއި އެއް ޓީމެއްގެ ގޮތުގަ ކުރެވޭ މަސައްކަތްތަކެއް. އެގޮތުން މިއަދުވެސް އަޅުގަނޑުމެން މި ހިންގި ހަރަކާތަކީ މުވައްޒަފުންގެ މެދުގަ ގުޅުން އިތުރަށް ބަދަހިކުރުމާއި ޓީމެއްގެ ގޮތުގަ މަސައްކަތް ކުރުމަށްޓަކައި ކުރިއަށްގެންދިޔަ ހަރަކާތެއް." ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރަށާއި ސިޓީތަކާބެހޭ ވުޒާރާއަށް 2 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުުން ބެޑްމިންޓަން މުބާރަތަކާއި، ފުޓްސެލް އަދި ހޭންޑްބޯ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.