ކުޅިވަރު

ފާޑުކިއުމުގެ ބަދަލުގައި އެދެނީ ޖޫނިއަރ ޓީމަށް ހިތްވަރުދިނުމަށް: ސަބާހް


ރާއްޖޭގެ 17 އަހަރުންދަށުގެ ޤައުމީ ޓީމަކީ ވަރަށް ޅަ ޓީމެއްކަމަށާއި، އެކުދިން ކުރާ މަސައްކަތަށް ފާޑުކިއުމުގެ ބަދަލުގައި ހިތްވަރު ދިނުމަށް ޒުވާން ޤައުމީ ޓީމުގެ ކޯޗު ޞަބާޙު މުހައްމަދު (ސޮބާ) ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޞަބާޙު ބުނީ ދާދިފަހުން ފަލަސްޠީނުގެ ޒުވާން ޓީމާއި ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމު ބައްދަލުކުރި އެކުވެރިކަމުގެ ދެ މެޗުގެ ސަބަބުން ކުޅުންތެރިންގެ ކުޅުން ރަނގަޅުވިތަން ފެނުނުކަމަށެވެ. ފުރަތަމަ މެޗަށްވުރެ ދެވަނަ މެޗުގެ ކުޅުން މާބޮޑަށްވެސް ރަނގަޅުކަމަށާއި ބައިކޮޅަށް ވަތް ގޯލުގެ އަދަދުވެސް ދަށް ކަމަށް އޭނާ ފާހަގަކުރިއެވެ. އޭނާ އަބަދުވެސް ޓީމަށް ވިސްނައިދެމުން އަންނަނީ ފަހުވަގުތާ ހަމައަށްވެސް ހިތްވަރު އެލުވައިނުލައި، މަސައްކަތްކުރުމަށްކަމަށާ ގޯލެއް ވަންނަ ހިސާބުން އިތުރަށް ހިތްވަރު އައުކޮށް މަސައްކަތްކުރުމަށް ވިސްނައިދެމުން އަންނަކަމަށް ކޯޗު ބުންޏެވެ.

"މިއަދު އަޅުގަނޑު ކުދިންނަށް ވިސްނައިދިނީ މިހާރު ވަރުގަދަ ޓީމުތަކާ ކުޅޭއިރު، އެއް ގޯލު ވަނީމަ އުންމީދު ކަނޑައިނުލައި، ދެވަނަގޯލު ވަނަ ނުދޭން މަސައްކަތްކުރަން. ދެން މިސާލަކަށް ބަލިވިޔަސް 1-0 އިން ބަލިވުމާއި 2-0 އިން ބަލިވުމާއި 6،7-0 އިން ބަލިވުމާ ތަފާތު" ޞަބާޙު ބުންޏެވެ.

ޞަބާޙު ބުނީ މިވަގުތު އޮތް ޒުވާން ޓީމަކީ ވަރަށް ތަޖުރިބާ މަދު ޓީމެއްކަމަށެވެ. ޓީމުގެ ގިނަ ކުޅުންތެރިންނަކީ މުޅިން އަލަށް ބައިނަލްއަޤުވާމީ މެޗުތަކާ ކުރިމަތިލި ކުދިންކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އެކުދިންނަކީ، އަދި ދަސްކުރާ ކުދިންކަމަށާ، ކުއްލިއަކަށް ނުކުމެ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް އެކުދިންނަށް ދަތިވާނެކަން އެންމެންވެސް ގަބޫލުކުރުމަށް ކޯޗު އެދިވަޑަިގަތެވެ. މިކުދިންނަކީވެސް ގިނަ މެޗުތަކެއް ކުޅެން ލިބިއްޖެނަމަ އެކުދިންގެ ކުޅުމުގެ ފެންވަރު މަތިކުރެވޭނެ، ހުނަރުވެރި ކުޅުންތެރިންތަކެއްކަމަށް އޭނާވަނީ ފާހަގަކޮށްފައެވެ.

"ހަގީގަތުގަ ބައެއް ކުދިން، އޯވަރޯލް ހަމަ ގިނަ ކުދިން މިކަހަލަ މެޗަކަށް މުޅިން އަލަށް ނުކުންނައިރު، އަޅުގަނޑުމެން ގަބޫލު އެބަކުރަންޖެހޭ މިމީހުންގެ ލާރނިންގ ސްޓޭޖުގަ 15، 16 އަހަރުވަމުން އަންނައިރު މިކުދިންނަށްވެސް ކުއްލިއަކަށް އަރަން ތަންކޮޅެއް އުނދަގުވާނެ" 17 އަހަރުންދަށުގެ ޤައުމީ ޓީމާ ގުޅޭގޮތުން ކޯޗު ބުނެފަވެއެވެ.

17 އަހަރުންދަށުގެ ޤައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންތަކަކަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވިފައި ނުވާއިރު ޓީމުގެ އިތުރު ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ދިމާވެފައިވާކަމަށްވެސް ޞަބާޙު ބުންޏެވެ. މި ސަބަބުތަކާ ހުރެ ޒުވާން ޓީމަކީ ތަޖުރިބާ މަދު އައު ޓީމަކަށްވާއިރު 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ވާދަކުރާއިރު ނިމިދިޔަ އެކުވެރިކަމުގެ ދެ މެޗަކީ ފައިދާތަކެއް ޓީމަށް ކުރި ދެ މެޗުކަމަށް އޭނާ ފާހަގަކުރިއެވެ.

"ކޮންމެ ގޮތެއްވިޔަސް މިކުދިން އެބަ ކުޅެންޖެހޭ ގިނަ މެޗު. މިސާލަކަށް ހޯމްގަ ކުޅުމަކީވެސް މިކުދިންނަށް ޕްރެޝަރެކޭ އަޅުގަނޑު ބުނާނީ. ހޯމް މެޗުވެސް ކުޅެންވީއޭ. އަވޭ، އިންޓަނޭޝަނަލް މެޗުވެސް ކުޅެން ވީއޭ. މިމީހުން މިއުޅެނީ ލާރނިންގ ސްޓޭޖުގައޭ، އެހެންވީމަ ވަރަށް ކެތްތެރިވާން އެބަޖެހޭ ކޯޗުންވެސް. އެފްއޭއެމްވެސް އަދި ޕޭރެންޓްސްވެސް. މިއަށް ފާޑު ކިއުމުގެ ބަދަލުގައި މިމީހުންނަށް ހިތްވަރުދޭންވީ" ޞަބާޙު ބުންޏެވެ.

ޞަބާޙު ބުނީ މި ކުޅުންތެރިންނަށް ހިތްވަރުދީ އުންމީދު އައުކޮށްދެވިއްޖެނަމަ މި ކުޅުންތެރިންނަކީ މުސްތަގުބަލުގައި ގައުމީ ޓީމުން ވިދާލާނެ ކުޅުންތެރިންތަކެއްކަމަށް ގަބޫލުކުރާކަމަށެވެ. އެހެންކަމުން މުޅި ގައުމު އެކުވެ ޕޮޒިޓިވް ވިސްނުމެއްގައި މިކުޅުންތެރިންނާއެކު ތިބުމަށް ކޯޗު އެދިފައިވެއެވެ.

ރާއްޖޭގެ 17 އަހަރުންދަށުގެ ޤައުމީ ޓީމު މިވަގުތު ވަނީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް ތައިލޭންޑްގެ ޗޮންބުރީއަށް ގޮސްފައެވެ. ކޮލިފައިން ބުރުގައި ޒުވާން ޓީމުން މިއަދު ނުކުންނާނީ މޮންގޯލިއާ އާއި ދެކޮޅަށެވެ. އެއަށްފަހު އޭގެ ހަތަރު ދުވަސް ފަހުން ކޮލިފައިން ކުރިއަށްދާ ޤައުމުކަމަށްވާ ތައިލޭންޑާ ދެކޮޅަށް ކުޅޭނެއެވެ. އަދި ކުވައިތާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ގްރޫފް އެފްގައެވެ. ރާއްޖޭގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ ކޮލިފައިން ބާއްވާ ޤައުމުކަމަށްވާ ތައިލޭންޑާއި، ކުވައިތާއި، ތުރްކަމަނިސްތާނުގެ އިތުރުން މޮންގޯލިއާއެވެ.