މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް، ދުނިޔޭގެ ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ހުރަސްއެޅޭ ކަމަށް ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫން ބުނަމުންދާތީ، ބްރެޒިލްގައި ކުރިއަށްދާ އދގެ މޫސުމާބެހޭ ބައްދަލުވުން، ކޮޕް-30ގެ ސަމިޓަށް ހުށަހެޅި ނިންމުންތަކަށް އެއްބަސްވެވޭނެކަމާމެދު ސުވާލު އުފެއްދިއްޖެއެވެ.
މި މަހުގެ 10 ވަނަ ދުވަހު، ބްރެޒިލްގައި ފެށި ބައްދަލުވުން، ހުކުރު ދުވަހުގެ ހަވީރު ނިންމަން ހަމަޖެހިފައި އޮތް ނަމަވެސް، ރޭގަނޑާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްގެންވެސް ޚިޔާލުތަފާތުވުންތަކަށް ހައްލެއް ލިބޭ ގޮތެއް ނުވިއެވެ.
މިކަމުގެ ސަބަބުން، ބައިބައިވުމަށް ފުރުޞަތު ދިނުމުގެ ބަދަލުގައި، މޫސުމީ ކާރިސާއިން އަރައިގަތުމަށް ޤައުމުތަކުން އެއްބަސްވުމަކަށް އާދެވޭނެ މަގެއް ހޯދުމަށް، ކޮޕް-30ގެ ރައީސް އަންޑްރޭ ކޮރެއާ ޑޯ ލާގޯ ވަނީ އިލްތިމާސްކުރައްވައިފައެވެ.
ސާފުނުކުރާ ތެލާ މެދު އީޔޫން ޚިޔާލުތަފާތުވާނަމަ، އެ އިއްތިޙާދުން ފަގީރު ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް ބޭނުންވާ މާލީ އެހީ އިތުރުކުރަންޖެހޭ ކަމަށް އެ ޤައުމުތަކުން ވަނީ ގޮވާލައިފައެވެ.
މިކަމުގައި އެންމެ ބޮޑު ޚިޔާލުތަފާތުވުމެއް އުފެދިގެން އުޅެނީ، ޖައްވަށް ވިހަ ގޭސް އެންމެ ބޮޑަށް ދޫކުރާ ތެޔޮ އެންދުމާ ގުޅޭގޮތުންނެވެ. މިގޮތުން، ސާފުނުކުރާ ތެޔޮ ނޫން ގޮތަކުން ހަކަތަ އުފެއްދުމަށް އީޔޫން ބާރުއަޅާއިރު، ތެލާއި ގޭސް އުފައްދާ ގިނަ ޤައުމުތަކުން އެކަން ކޮޕް-30ގެ ނިންމުންތަކުގެ ތެރޭގައި ހިމަނަން ދެކޮޅެވެ.
ކޮޕް-30ގެ ނިންމުންތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަރުދާސް މިހާރަށް ވުރެ ބޮޑަށް ހަރުކަށި، އަދި ހަރުދަނާވާންޖެހޭނެ ކަމަށް އީޔޫން ޤަބޫލުކުރެއެވެ.
އެ ނޫން ގޮތަކަށް، އެ ކަރުދާހަށް އެއްބަސްނުވެވޭނެކަމަށް އީޔޫގެ ކޮމިޝަނަރު ފޯ ކްލައިމެޓް، ހޮޕްކަރ ހޯކްސްޓްރަރ ވަނީ ވިދާޅުވެފައެވެ.
އަދި އީޔޫން ބޭނުންވާ ގޮތަށް އެ ކަރުދާހުގައި ތެޔޮ އެންދުމާ ބެހޭ މާއްދާ ހަރުކަށިކޮށްފިނަމަ، ކްލައިމެޓް ފައިނޭންސް އިތުރުކުރުމާމެދު ދޫދޭނެކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވައިފައެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށްޓަކައި، 2025 ވަނަ އަހަރުގެ މިންވަރަށް ވުރެ 2030 ވަނަ އަހަރުގެ ނިޔަލަށް ޤައުމުތަކަށް ލިބޭ މާލީ އެހީތެރިކަން ތިންގުނަ އިތުރުކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރުމަށް ވެސް އެ ކަރުދާހުގައި ހިމަނާފައިވެއެވެ.
ނަމަވެސް މި ފައިސާ ފޯރުކޮށްދޭނީ، މުއްސަނދި ޤައުމުތަކުން ކަމެއް ނުވަތަ ޑިވެލޮޕްމަންޓް ބޭންކުތައް ނޫނީ އަމިއްލަ ފަރާތްތަކުން ކަމެއް އެ ކަރުދާހުގައި ސީދާ ބަޔާންކޮށްފައެއް ނުވެއެވެ.
މި ނިންމުންތައް ހިމެނޭ ކަރުދާސް ފާސްކުރުމަށްޓަކައި، އެ ބައްދަލުވުމުގައި ބައިވެރިވާ ގާތްގަނޑަކަށް 200 އެއްހާ ޤައުމުން އިއްތިފާގުވާންޖެހޭނެއެވެ.