ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ ޢަމަލެއްކޮށް، ބިރުދެއްކިކަމަށް ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި ސައުތް ސެންޓްރަލް ސަރަޙައްދުގެ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި އުފެދުނު ހަމަނުޖެހުމަކާއި ގުޅިގެން، އެތަނުން ކުއްޖެއްގެ ޢާއިލީ މަސްލަޙަތު އޮންނަ ފުލުހަކު އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ ޢަމަލެއްކޮށް ބިރުދައްކާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ހޮނިހިރު ދުވަހުކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިމައްސަލައިގެ ޖިނާޢީ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާކަމަށް ފުލުހުން ވިދާޅުވެއެވެ. މިމައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށްކަމަށްވުމުން އެކަމާ ގުޅިގެން އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިމައްސަލަ ތަޙުގީގުކުރަމުންދާއިރު މިމައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.