ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ކުރިއަށްގެންދާ އަލިފާން ނިއްވުމާގުޅޭ ތަމްރީނު "ޖައްރާފާ" ފަށައިފިއެވެ.
މިއަހަރުގެ "ޖައްރާފާ" އެކްސަސައިޒު ފެށުމަށް ކަޅުތުއްކަލާކޮށީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި އެކްސަސައިޒަކީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން ބާއްވާ އެކްސަސައިޒެކެވެ.
2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެމްއެންޑީއެފުން ކުރިއަށްގެންދާ މި އެކްސަސައިޒުގައި، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރު އަދި ލިބިފައިވާ ވަސީލަތްތައް އަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ހުނަރުވެރިކަމާ އެކު ހައްލުކުރާނެ ގޮތްތައް ފަރިތަކުރާނެއެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް ކުރެވޭނެ ގޮތްތައް ދެނެގަތުމަށް މަސައްކަތްކުރާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މި އެކްސަސައިޒްގެ ތަމްރީނުތައް މާލެއާއި، ހުޅުމާލޭގެ އިތުރުން، ވިލިމާލެއާއި، ތިލަފުށީގައި އަދި މާލެކައިރީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވެއެވެ.
މި ތަމްރީނުތަކުގައި، ހައިރައިޒް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ރެސްކިޔު އޮޕަރޭޝަންތަކާއި، ހެޒްމެޓް އޮޕަރޭޝަންގެ އިތުރުން ރޯޑް އެކްސިޑެންޓްތަކުގައި ބޭނުންކުރާ އިމަޖެންސީ ޕްރޮސީޖަރސް ފަރިތަކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި އެކްސަސައިޒް ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގައާއި، މާލޭ ސަރަހައްދުގައި ފަޔަރ ވެހިކަލް، ސައިރަން އެޅުމާއެކު ހަރަކާތްތެރިވާނެއެވެ. މި އެކްސަސައިޒު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން 24 އަށެވެ.