ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ވެލެންސިޔާ ބަލިކޮށް ކުލަބު އިގަލްސްއިން ހަތަރު ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. އީގަލްސް މެޗު ކާމިޔާބުކުރީ 3-0 ލަނޑުންނެވެ.
މި މޮޅާއެކު އީގަލްސް ގަދަ ހަތަރެއްގަ ހަމަޖެހިލީ 8 މެޗުން ހޯދި 12 ޕޮއިންޓާއެކުއެވެ. އީގަލްސްއާ އެންމެ ގާތުން ވާދަކުރާ ވިކްޓަރީ ފަސްވަނައިގަ އޮތީ ތިން ޕޮއިންޓް މަދުން ހޯދައިގެން 9 ޕޮއިންޓާއެކުއެވެ.
މެޗުގެ ކުޅުން ފަށައިގެން އީގަލްސްގެ އެޓޭކްތަށް ވަރުގަދަކޮށް ފެނުނުއިރު އީގަލްސްގެ ކުރިއަށް ކުޅޭ ކުޅުންތެރިން ވަނީ ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ފުރަތަމަ ހާފުގައި ވެލެންސިޔާއަކަށް މާ ނުރައްކާތެރި ހަމަލާއެއް އީގަލްސްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.
ދެވަނަ ހާފު ފަށައިގެން ދެވަނަ މިނިޓުގައި އީގަލްސްގެ ކެޕްޓަން އިބްރާހިމް ރިޒުވާން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އީގަލްސްގެ ފުރަތަމަ ލަނޑަކީ އޭރިއާ ތެރެއިން އިބްރާހިމް މަހުދީ ހުސެއިން ލިބުނު ބޯޅައެއް އޯވާހެޑް ކިކަކުން ގޯލަށް ވައްދާލި ބޯޅައެކެވެ.
މި ލަނޑަށްފަހު އީގަލްސްގެ ޒައިން ޒަފަރު އޭރިޔާ ބޭރުން ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ ދެވަނަ ހާފުގައި ވެލެންސިޔާއަށްވެސް ލިބުނު މަދު ފުރުސަތުތަކުގައި އީގަލްސް ގޯލަށް ނުރައްކާ ކުރެވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ވެލެންސިޔާގެ ސްޕެއިން ފޯވާޑް އަބޫބަކުރު ސިއްލާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
އީގަލްސްއިން ދެވަނަ ލަނޑު ކާމިޔާބުކުރީ 64 ވަނަ މިނިޓުގައި ރިޒްވާން އޭރިޔާތެރެއަށް ވަދެ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަށް ފަހު ރިޒްވާން އޭރިއާ ތެރެއަށް ވަދެ ހުސްކޮށް ހުރި މަހުދީއަށް ބޯޅަ ދިނުމުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިންނެވެ.
އީގަލްސްއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ޒުވާން ކުޅުންތެރިއާ އަހުމަދު ލައިތު އައްބާސްއެވެ. ލައިތުގެ މި ލަނޑަކީ އޭރިޔާތެރޭގައި ހުރެފަައި ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅައެކެވެ.
ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އީގަލްސް ނުކުންނާނީ ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.