ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފިއެވެ.
ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ ފިޔަ ފައުންޑޭޝަނާއެވެ. މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ފިޔަ ފައުންޑޭޝަނުން ސޮއިކުރެއްވީ އެތަނުގެ މުއައްސިސް މުޙައްމަދު ވިޝާމްއެވެ.
ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރަނީ ވިލިމާލޭ ޒަމާންވީ މިސްކިތެއްކަމުގައިވާ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައެވެ. ފިޔަ ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ 850 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ފަންގިފިލާގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އޮފީސް ބައެއް ހިމެނޭނެއެވެ.
މިއީ މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތައް ބިނާ ކުރުމަށް އިިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަޝްރޫއުއެކެވެ.