ޚަބަރު

ޓީސީ އާއި ގްރީން ސްޓްރީޓްސްގެ ކުރިމަތިލުން އެއްވަރު


  • މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން

  • ޓީސީ އާއި ގްރީންއަށް މިހާތަނަށް ލިބިފައިވަނީ ފަސް ޕޮއިންޓް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ގްރީން ސްޓްރީޓްސްއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ޓީސީގެ އަޙްމަދު މައީޝް މުޙައްމަދު އަތުން ހޯދި ބޯޅައެއް، އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް އަމާޒުކޮށްލައިގެން މި ލަނޑު ގްރީން ސްޓްރީޓްސްއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސާބިގެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ޓީސީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ގްރީން ސްޓްރީޓްސްގެ އަޙްމަދު ނާހިލް އިބްރާހީމް އަތުން ހޯދި ބޯޅައެއްގެ ފައިދާ ނަގައި، މި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ބޯޑޫ ޕްރިންސްއެވެ.

މި މެޗުގައި ގްރީން ސްޓްރީޓްސްއިން އަލުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. ޓީސީގެ ގޯލްކީޕަރު ހެދި ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ގްރީން ސްޓްރީޓްސްއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ރިލްވާން ވަހީދެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ޓީސީން ވަނީ އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްފައެވެ. ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ދާނިޝް އިބްރާހީމެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ގްރީން ސްޓްރީޓްސްއިން ނިންމާލައިފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ބިދޭސީ ޑިފެންޑަރު އެލްސައީދު އަބްދެލްފައްތާހު މަހްމޫދަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

މި ނަތީޖާއާއެކު ޓީސީ އާއި ގްރީން ސްޓްރީޓްސްއަށްވެސް ޕޮއިންޓެއް ލިބުނުއިރު، މިހާތަނަށް ކުޅުނު އަށް މެޗުން އެ ދެ ޓީމަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ތާވަލުގެ އަށްވަނައިގައި ޓީސީ އޮތްއިރު، ގްރީން ސްޓްރީޓްސް އޮތީ ތާވަލުގެ ނުވަވަނައިގައެވެ. އަދި ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ހަތް މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.