ޚަބަރު

ކުރިމަތިލުން ނުނިމޭ ކަމަށް ބުނެ ޔަހޫދީން ބައިރޫތަށް ދިން ޙަމަލާގައި ޙިޒްބުﷲގެ އަސްކަރީ ވެރިޔާ ޝަހީދުކޮށްލައިފި


ޔަހޫދީން ލުބުނާނުގެ ވެރިރަށް ބައިރޫތަށް ދިން ވަރުގަދަ ޙަމަލާއެއްގައި ޙިޒްބުﷲގެ އަސްކަރީ ވެރިޔާ، ޢަލީ ޠަބްޠަބާއީ ޝަހީދުކޮށްލައިފިއެވެ. ލުބުނާނުގެ ވެރިރަށް، ބައިރޫތުގެ ޙާރަ ޙަރީކަށް ސަރަހައްދަށް ޔަހޫދީން ދިން މި ޙަމަލާގައި ޖުމްލަ ފަސް މީހުުން ޝަހީދުވެ، 28 މީހުންނަށް ޒަޚަމްވެފައިވެއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށުމުން ޙިޒްބުاللهން ވަނީ ޔަހޫދީންނަށް ރޮކެޓު ޙަމަލާތައް ދީފައެވެ. އެއާއެކު އަހަރެއްހާ ދުވަސް ވަންދެން ދެ ފަރާތުން ވަނީ ވަރުގަދަ ޙަމަލާތައް ބަދަލުކޮށްފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީން ވަނީ ޙިޒްބުاللهގެ އެންމެ އިސް ވެރިން ޝަހީދުކޮށްލައިފައެވެ. އެ ގޮތުން ޙިޒްބުاللهގެ އޭރުގެ އިސްވެރިޔާ، ޙަސަން ނަޞްރުالله ވެސް ޔަހޫދީން ވަނީ ޝަހީދުކޮށްލައިފައެވެ.

ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްވަރު މަހުގެ ތެރޭގައި ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ދަނީ ލުބުނާނަށް ކޮަންމެ ދުވަހަކުހެން ޙަމަލާތައް ދެމުންނެވެ. އަދި ފާއިތުވި ހަފްތާތަކުގައި އެ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ. ނަމަވެސް އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޙިޒްބުاللهއިން ޔަހޫދީންނަށް ޙަމަލާ ދީފައެއް ނުުވެއެވެ. ހަނގުރާމައިގެ ޙާލަތުގައި ޙިޒްބުالله ވަރަށް ބޮޑަށް ބަލިކަށިވި ނަމަވެސް އެ ޖަމާޢަތުން މިހާރު ދަނީ އަލުން ތަރުތީބުވެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެއްބަސްވުމެއް ޤާއިމްކޮށްފައި ވަނިކޮށް ޔަހޫދީން ލުބުނާނަށް ދިން އެންމެ ފަހުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޙިޒްބުاللهގެ އަސްކަރީ ވެރިޔާ ޢަލީ ޠަބްޠަބާއީއަށެވެ. އެ ޙަމަލާގައި ޠަބްޠަބާއީ ޝަހީދުކޮށްލާފައިވާ ކަމަށް ޔަހޫދީން ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް ޙިޒްބުاللهއިން އަދި އެ ކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޙިޒްބުاللهގެ އިސް އޮފިޝަލެއް ކަމަށްވާ މަޙްމޫދު ޣަމާތީ ވަނީ އެ ޖަމާޢަތުގެ އިސް ބޭފުޅަކަށް ޔަހޫދީންގެ ޙަމަލާ އަމާޒުކޮށްފައިވާ ކަން ޔަޤީންކޮށްދެއްވައިފައެވެ.

2016ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ ޠަބްޠަބާއީ އަކީ ޙިޒްބުاللهގެ އިސްވެރިއެއް ކަމަށް ފާހަގަކޮށް، އޭނާއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސް މިލިޔަން އެމެރިކާ ޑޮލަރުގެ އިނާމެއް ހުށަހަޅައިފައެވެ. ޔަހޫދީން ޤަބޫލުކުރާ ގޮތުގައި ޙިޒްބުاللهގެ ޔުނިޓުތައް ހިންގަނީ ޠަބްޠަބާއީގެ މޭސްތިރިކަމުގެ ދަށުންނެވެ. ޙިޒްބުالله އަލުން
ވަރުގަދަ ކުރުުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް ޢަދާ ކުރާ ފަރާތަކީ ޠަބްޠަބާއީ ކަމަށް ޔަހޫދީން ޤަބޫލުކުރެއެވެ.

ޔަހޫދީންގެ ޙަމަލާއާ ގުޅިގެން ޣަމާތީ ވިދާޅުވީ އެންމެ ފަހުގެ ޙަމަލާއާއެކު ޔަހޫދީން “ރަތް ރޮނގު” ހުރަސްކޮށްފައިވާ ކަމަށާއި، އެ ޙަމަލާއާ ގުޅިގެން ޙިޒްބުاللهން ރައްދު ދޭނެތޯ ނުވަތަ ނޫންތޯ އެ ޖަމާޢަތުގެ އިސްވެރިން ނިންމަވާނެ ކަމަށެވެ.