ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސް ވަފުދެއް އަވަށްޓެރި މިޞްރުގެ ޖާސޫސީ އިސްވެރިޔާއާ ބައްދަލުކޮށް ޣައްޒާގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ގުޅޭގޮތުންނާއި ޣައްޒާގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް، ދެ އަހަރަށް ފަހު ނިމުމަކަށް އައީ މިޞްރާއި ޤަޠަރާއި އެމެރިކާގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ދެ އަހަރު ދުވަހަށް ފަހު ހަނގުރާމަ ނިމުަމަކަށް އައީ މި އަހަރުގެ އޮކްޓޯވަރު މަހުގެ 10ވަނަ ދުވަހު އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުންނެވެ. ނަމަވެސް ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 400 މީހުން ޝަހީދުކޮށްލާފައިވެއެވެ.
ޙަމާސްއިން ނެރުނު ބަޔާނެއްގައި ބުނީ މިޞްރުގެ ޖާސޫސީ އިސްވެރިޔާއާ ބައްދަލުކޮށް، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ތަންފީޒު ކުރުމުގައި ޙަމާސުން ދެމި ތިބޭނެ ކަމުގެ ޔަޤީންކަން އަރުވާފައިވާނެ ކަމަށެވެ. ނަމަވެސް ޔަހޫދީން އެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށާއި، އޭގެ ސަބަބުން އެއްބަސްވުމަށް ހިޔަނި އެޅިފައިވާ ކަމަށް ޙަމާސުން ވަނީ ފާހަގަކޮށްފައެވެ. އެ ޖަމާޢަތުން އިތުރަށް ބުނީ އެއްބަސްވުން އެކުަލަވައިލުމަށް އެހީތެރިވި ޤައުމުތަކުގެ ބެލުމުގެ ދަށުން، އެއްބަސްވުމާ ޚިލާފަށް ހިންގާ ކޮންމެ ޢަމަލަކާ ގުޅޭ ގޮތުން ލިޔެކިޔުންތައް ހަދައި ދަމަހައްޓާނެ ހަރުދަނާ އުސޫލެއް ޤާއިމްކުރަން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން ރަފަޙްގެ ބިންގަރާސްތަކުގައި ތާށިވެފައިވާ ޙަމާސްގެ ހަނގުރާމަވެރިން އަވަސް ގޮތަކަށް ސަލާމަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ޙަމާސުން މިޞްރާއެކު މަޝްވަރާކޮށްފައިވެއެވެ. ބިންގަރާސްތަކުގައި ތިބި ހަނގުރާމަވެރިންނާ މުވާސަލާތީ ގުޅުން މިހާރު ކެނޑިފައިވާ ކަމަށް ޙަމާސުން ބުނެފައިވެއެވެ.