ޚަބަރު

ސީ.ޑީ.އެސް.އެސްގެ ރިސާޗް ވޯކްޝޮޕެއް ފަށައިފި


އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް ސީ.ޑީ.އެސް.އެސްގެ ރިސާރޗް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ފަރާތުން "ރިސާރޗް ވޯކްޝޮޕް 16-01" ފަށައިފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ކޮންފަރެންސް ހޯލުގައި މިއަދު ފެށި މިވޯކްޝޮޕަކީ އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ހޯދުންތަކާއި ދެމެހެއްޓެނިވި ގޮތުގައި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ބޭނުންވާ ރިސާރޗް ކުރުމުގެ ޢިލްމާއި ހުނަރު ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެމްއެންޑީއެފްގެ ސީޑީއެސްއެސް އިން ހިންގާ ވޯކްޝޮޕެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

img:http://s4.psmnews.mv/images/660x400/14724702369731.jpg|ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މިވޯކްޝޮޕް ޝަރަފުވެރިކޮށްދެއްވައި، ކޯހުގެ ބައިވެރިންނަށް އެކްޝަން ރިސަރޗްއާއި ބެހޭގޮތުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޢާދަމް ޝަރީފް ޢުމަރު ވަނީ ތަޤުރީރު ކުރައްވާފައެވެ. މި ވޯކްޝޮޕްގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ލެކްޗަރަރއިންގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފާއި އެ ޔުނިވަރސިޓީގެ އިތުރު ލެކްޗަރަރއިންނާއި އެމްއެންޑީއެފްގެ ސީޑީއެސްއެސްގެ ރިސާރޗް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ އޮފިސަރ އިންޗާޖް މޭޖަރ ޑރ. މިރާޒް މުޙައްމަދުފުޅާއި އެމްއެންޑީއެފްގެ މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ތަޖުރިބާކާރު ލެކްޗަރަރއިން ހިމެނެއެވެ. 

މިއަދާއި މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްފާޟިލް އާދަމް ޝަރީފް ޢުމަރާއި އެމްއެންޑީއެފްގެ ވެރިންނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ލަޠީފާއި ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.