ޚަބަރު

އޮކްޓޫބަރު 7ގައި ޙަމާސުން ދިން ޙަމަލާއާ ގުޅުވައި ޔަހޫދީ ފައުޖުގެ އިސް އޮފިސަރުންނަށް ފިޔަވަޅު އަޅައިފި


ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުން 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީ ދައުލަތާ ދެކޮޅަށް ދިން ޖިހާދީ ޙަމަލާ ހުއްޓުވުމުގައި ނާކާމިޔާބުވި ކަމުގެ ޒިންމާ އުފުލަން ޖެހޭ ކަމަށް ކަނޑައަޅައި، ޔަހޫދީ ފައުޖުގެ އިސް އޮފިސަރުންތަކަކާ ދެކޮޅަށް ފިޔަވަޅު އަޅައިފިއެވެ. ޙަމާސްގެ ކުއްލި ޙަމަލާގައި ޔަހޫދީންގެ ތެރެއިން 1,200އެއްހާ މީހުން މަރައިލައި، އިތުރު 250އެއްހާ މީހުން ރަހީނު ކުރިއެވެ.

ޙަމާސްގެ ޙަމަލާތައް ހުއްޓުވުމުގައި ޔަހޫދީ ސިފައިން ފޭލުވުމާ ގުޅިގެން އެ ކަމުގެ ޒިންމާ އުފުލަން ޖެހޭ ކަމަށް ކަނޑައަޅައި ޔަހުދީ ފައުޖުގެ އިސް އޮފިސަރުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އޭގެ ތެރެއިން ބައެއް މީހުން ޚިދުމަތުން ވަކި ކުރުން ހިމެނެއެވެ. އަދި، ބައެއް އޮފިސަރުންގެ މަޤާމު ދަށްކޮށް އިތުރު އޮފިސަރުންނަށް އިންޒާރުގެ ލިޔުން ޙަވާލު ކުރިއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޙަމާސުން ޔަހޫދީ ދައުލަތާ ދެކޮޅަށް ޖިހާދީ ޙަމަލާއެއް ދީފައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތި ކޮށްފައިވާ އަޅުވެތި ކަމަށް ކެށް ނުކުރެވިގެންނެވެ. އެއީ، ފަލަސްޠީނުގެ މިނިވަން ކަމަށް ކުރަމުންދާ ޖިހާދުގެ ދަށުން ދީފައިވާ ޙަމަލާއެއް ކަމުގައި އެ ޖަމާޢަތުން ވަނީ ބުނެފައެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ހިންގާފައެވެ.

ޙަމާސްގެ ޙަމަލާތައް ހުއްޓުވުމުގައި ފޭލުވި ކަމުގެ ޒިންމާ އުފުލަން ޖެހޭ ކަމަށް ކަނޑައަޅައި، ޔަހޫދީ ފައުޖުން ފިޔަވަޅު އަޅާފައިވާ ސިފައިންގެ ތެރޭގައި ޖާސޫސީ އިދާރާތަކުގައި މަސައްކަތް ކުރާ އިސް ބައެއް އޮފިސަރުން ހިމެނެއެވެ. އަދި، އަސްކަރީ އޮޕަރޭޝަންތައް ހިންގާ ގޮތްޕާއި، ޔަހޫދީ ދައުލަތުގެ ދެކުނުގެ ސަރަޙައްދުތަކުގެ އަސްކަރީ އިސް ކޮމާންޑުގެ އޮފިސަރުން ހިމެނެއެވެ. ބައެއް އޮފިސަރުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި، އިންޒާރުގެ ލިޔުން ޙަވާލު ކުރުމާ އެކު، އެ މީހުން އިސްތިޢުފާ ދީފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ޔަހޫދީ ފައުޖުގެ އިސް ވެރިޔާ ފިޔަވަޅު އަޅާފައި ވަނީ ކިތައް އޮފިސަރުންނާ ދެކޮޅަށް ކަން ސާފެއް ނޫނެވެ.

ޙަމާސްގެ ޙަމަލާތަކާ ގުޅިގެން ޔަހޫދީ ސަރުކާރުން ޤައުމީ ފެންވަރުގެ ތަޙުޤީޤެއް ހިންގާފައެއް ނެތެވެ. ނަމަވެސް، އެ ފަދަ ތަޙުޤީޤެއް ހިންގުމަށް ޔަހޫދީ ޢާންމުންނާއި، ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ގޮވައިލަމުންނެވެ. އަދި، އެ ކަމަށް ބާރު އެޅުމުގެ ގޮތުން ވެރިރަށް ތެލް އަވީވުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

އޮކްޓޫބަރު 10ވަނަ ދުވަހު ޔަހޫދީންނާ އެކު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކޮށްފައެވެ. އަދި، މަރުވެފައިވާ ގިނަ އަސީރުންގެ ހަށިތައް ވެސް ޙަވާލު ކޮށްފައެވެ. އެއީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް ނަމަވެސް، ޔަހޫދީން އަދިވެސް ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ.

ޙަމާސްގެ ޖިހާދުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން ފެށި ޤަތުލުޢާންމުގައި ޣައްޒާއިން 69,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުންނެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ސުންނާފަތި ކޮށްލި އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ޤަބޫލު ކުރެއެވެ. އަދި، ޤަތުލުޢާންމުގައި 158,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.