ޚަބަރު

ބޮޓްސްވާނާ މުބާރާތުން ރާއްޖޭގެ އެތުލީޓުންނަށް ރިހި މެޑެއްޔަކާއި ލޯ މެޑެލް


  • ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ އަންހެން ޑަބަލްސް އިވެންޓުން ރިހި މެޑެލް ހޯދާފައި

  • މިކްސް ޑަބަލްސްގައި ވާދަކުރި ޒަޔާން އާއި ނަބާހާގެ ޕެއާއަށް ލިބުނީ ލޯ މެޑެލް

ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ "ބޮޓްސްވާނާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް" އިން ރިވައިވަލް ސްޕޯޓްސްގައި ހިމެނޭ ޤައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ރިހި މެޑެއްޔަކާއި ލޯ މެޑެއްޔެއް ހޯދައިފިއެވެ.

މި މުބާރާތުން މެޑެލް ހޯދައިފައިވަނީ އާމިނަތު ނަބީހާ (ނަބީ) އާއި ފާޠިމަތު ނަބާހާ (ނަބާ) ގެ އިތުރުން ހުސައިން ޒަޔާން ޝަހީދު ޒަކީއެވެ. އެގޮތުން ނަބީހާ އާއި ނަބާހާގެ ޕެއާއިން ވަނީ އަންހެން ޑަބަލްސް އިވެންޓުން ރިހި މެޑެލް ހޯދައިފައެވެ. މި އިވެންޓުގެ ފައިނަލްގައި ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހާނިޓާ ޝޯލްޓްޒްއާ ކުޅެގެން ނަބީހާ އާއި ނަބާހާ ބަލިވީ 2-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-19، 13-21 އަދި 15-21 އިންނެވެ.

މިއީ އެފްރިކާ ޓުއާގައި ނަބީހާ އާއި ނަބާހާގެ ޕެއާއަށް ލިބުނު ދެވަނަ ރިހި މެޑެއްޔެވެ. އެގޮތުން މި މަހު ކުރިއަށްދިޔަ ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒްއިންވެސް މި ޕެއާ ވަނީ ރިހި މެޑެލް ހޯދާފައެވެ.

ބޮޓްސްވާނާ އިންޓަރނޭޝަނަލްއިން ދެން މެޑެލް ލިބުނީ މިކްސް ޑަބަލްސްގައި ވާދަކުރި ޒަޔާން އާއި ނަބާހާގެ ޕެއާއަށެވެ. އެ ޕެއާއިން ލޯ މެޑެލް ހޯދިއިރު، ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ ސެމީ ފައިނަލުގައި ދެކުނު އެފްރިކާގެ ރޮބާޓް ސަމާސް އާއި އެމީގެ ޕެއާ އަތުން 21-15 އަދި 21-12 އިން ބަލިވެފައެވެ. ބޮޓްސްވާނާ ޒަޔާން އާއި ނަބާހާގެ ޕެއާއަށް ލޯ މެޑެއްޔެއް ލިބުނު ނަމަވެސް، އެ ޕެއާ ވަނީ ޒެމްބިއާ މުބާރާތުން ރަން މެޑެލް ހާސިލުކޮށްފައެވެ.

މި ފަހަރުގެ އެފްރިކާ ޓުއާގައި ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނަށް ދެން އޮތީ ދެކުނު އެފްރިކާ މުބާރާތެވެ. އެ މުބާރާތް ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ.