މާދަމާރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި އިޢުލާނުކުރެއްވުމާ އެއްގޮތްވާ ގޮތުގެމަތީން ބާއްވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.
އެގޮތުން މައްޗަންގޮޅީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން ކުރިއަށް ދާނީ، މާދަމާރޭ 20:30ގައި އަމީނިއްޔާ ސްކޫލުގައި ކަމަށް ހީނާ ވިދާޅުވިއެވެ. ސަރުކާރުން ވަނީ، މައްޗަންގޮޅީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ދައުވަތު އަރުވާފައެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން މައްޗަންގޮޅީ ރައްޔިތުންނާ…
— Heena Waleed (@MvSpokesperson) November 24, 2025
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް ފެއްޓެވި ހަރަކާތުގެ ތެރެއިން ރޭ ވިލިމާލޭގެ ރައްޔިތުންނާ ވަނީ، ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ، ވިލިމާލޭގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ވަޢުދުފުޅާ އެކުގައެވެ. އެ ވަޢުދުފުޅާ އެއްގޮތަށް މިހާތަނަށް އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިއީ، ރާއްޖޭގެ ވެރިޔަކު ވެރިކަމުގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި ރަށު ކައުންސިލްތަކާއި ބައްދަލުކުރައްވައި، އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުން އަޑުއައްސަވައި އެކަންކަން ޙައްލުކުރެއްވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.