"މަގޭ ސާފު ރާއްޖެ" ޕްރޮގްރާމުގެ ދަށުން ކުނި ބޭނުން ކޮށްގެން ތަކެތި އުފައްދާ ޢާންމު ފަރާތްތަކުގެ ސްޓޯލްތައް ހިމެނޭހެން ކުނި މެނޭޖުކުރުމާއި ގުޅޭ ފެސްޓިވަލެއް ބާއްވައިފިއެވެ.
މި ފެސްޓިވަލް ބޭއްވީ، ލ. ގަމުގައި މިހާރު ކުރިއަށްދާ މަގޭ ސާފު ރާއްޖެ މަހާސިންތާގެ ޚަވާސާގެ ތެރެއިންނެވެ. "މަގޭ ސާފު ރާއްޖެ ފެސްޓް 2025"ގެ ނަމުގައި ބޭއްވި މި ފެސްޓިވަލަށް ގަމުގައި އުޅޭ ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން ޒިޔާރަތްކުރިއެވެ.
ފެސްޓިވަލުގެ ސްޓޯލްތަކުގައި އުކާލާ ކުނީގެ އެކި ބާވަތްތައް ބޭނުން ކޮށްގެން ހަދާފައި ހުރި ތަފާތު އުފެއްދުންތައް ވަނީ ދައްކާލާފައެވެ. އަދި އެފަދަ ބައެއް ތަކެތި ހަދާނެ ގޮތްވެސް ސްޓޯލްތަކުން ހުށަހަޅައިދިނެވެ. މީގެ އިތުރުން ބައެއް ސްޓޯލްތަކުގައި ކެއިން ބުއިމުގެ ވައްތަރުތައް ހުރިއިރު، އަނެއް ބައެއް ސްޓޯލްތަކުގައި ކުޅިވަރުތައް ކުޅެވޭނެ މަގު ފަހިކޮށްދީފައިވެއެވެ.
ސްޓޯލްތަކުގައި ދައްކާލުމަށް ބަހައްޓާފައި ހުރި އެކި އުފެއްދުންތަކުގެ ތެރޭގައި އުކާލާފައި ހުރި ކުނި ބޭނުން ކޮށްގެން ރީތި ޑިޒައިންތަކަށް ފަރުމާކޮށްފައި ހުރި އަނގޮޓިއާއި، ކުރެހުންތައް ހިމެނެއެވެ. މިފަދަ އުފެއްދުންތައް އުފައްދައި، ކުނިން ބޭނުންތެރި ކަންކަން ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފެސްޓިވަލަށް ޒިޔާރަތް ކުރި ކުދިންނާއި، މީހުންވެސް ފާހަގަކުރިއެވެ.
ހައްދުންމަތީ ގަމުގައި މިހާރު ކުރިއަށްދާ "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025"އަކީ، ކުނި މެނޭޖު ކުރުމުގެ ދާއިރާގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައި، މި ދާއިރާއިން ކުރިއެރުންތައް ހޯދުމަށް މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ.
މި މަހާސިންތާގައި 9 އަތޮޅެއްގެ 88 ރަށް ތަމްސީލުކުރާ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި، ކައުންސިލްތަކުގެ ރައީސުންނާއި، މަންދޫބުން ހިމެނޭޙެން 200އެއްހާ މީހުން ބައިވެރިވިއެވެ.