ޚަބަރު

އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރި މުޖުތަމަޢެއް ބިނާކުރަންޖެހޭ: ރައީސް


  • ކޮންމެ އަންހެނަކާއި އަންހެން ކުއްޖެއް ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރި ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް

  • ހުރިހައި އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރަންޖެހޭ

އަންހެނުންނާއި އަންހެން ކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރުމަކީ، މި ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ.

ރައީސް ވިދާޅުވީ، ކޮންމެ އަންހެނަކާއި އަންހެން ކުއްޖެއް ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރި ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ހުރިހައި އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރަންޖެހޭ ކަމަށެވެ.

ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުން ދުވަހެއް ދުވަހަކަށް ގުޅިލާމެވިގެންދާއިރު، އޮންލައިންކޮށް ބިރު ދެއްކުމާއި، ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާތައް އިތުރުވަމުންދާ ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއިއެކު އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް، ކުރިއަރުވައި ސަލާމަތްކަން ލިބިގެންވާ މާޙައުލެއް ޤާއިމް ކޮށްދޭންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެއިރުން އޭގެ ހެޔޮ އަސަރު މުޖުތަމަޢުއަށް ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ ގޮތުގައެވެ. އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ދުވަހަށް މިއަހަރު އދއިން ކަނޑައަޅާފައިވާ ޝިޢާރު ގުޅުވާފައިވަނީ، އަންހެނުންނާއި އަންހެން ދަރިން ބާރުވެރިކުރުމަށެވެ. މިއަހަރުގެ ޝިޢާރަކީ، "ޔުނައިޓް ޓު އެންޑް ޑިޖިޓަލް ވައިލެންސް އެގޭންސްޓް ވިމެން އެންޑް ގާލްސް ވޯންޓް ޓު މޯބަލައިޒް އޯލް މެމްބަރޒް އޮފް ދަ ސޮސައިޓީ" މިއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ދިވެހި ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމާޢަތްތަކުން ގުޅިގެން މިފަދަ އަނިޔާތައް ހުއްޓުވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން، އަންހެނުންނަށް ކުރާ އަނިޔާ ޤަބޫލު ނުކުރުމާއި، މިފަދަ ހާދިސާތައް ރިޕޯޓު ކުރުމަށް ދަނީ ހިތްވަރުދެމުންނެވެ.