ޚަބަރު

ޔަހޫދީންގެ ޢުދުވާނުގެ ސަބަބުން ފަލަސްޠީންގެ އުފެއްދުންތެރިކަން ވަޅުޖެހި، އިޤްތިޞާދު ފުނޑުފުނޑުވެފައި


ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ އިތުރުން ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށް، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އޭގެކުރިން ފަލަސްޠީނަށް ލިބެމުން އައި އިޤްތިޞާދީ ކުރިއެރުންތައް ވަޅުޖެހި، ތާރީޚް ނުދެކޭ މިންވަރަށް އިޤްތިޞާދު ފުނޑުފުނޑުވެފައިވާ ކަމަށް އދގެ ރިޕޯޓެއްގައި ބުނެފިއެވެ.

އދގެ ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް އޭޖެންސީން ނެރުނު ރިޕޯޓުގައި ބުނީ، 2022 ވަނަ އަހަރާ އަޅާބަލާއިރު، ޣައްޒާ އާއި ހުޅަނގު އައްސޭރި ހިމެނޭ ގޮތުން، 2024 ވަނަ އަހަރު ފަލަސްޠީންގެ އިޤްތިޞާދު 30 އިންސައްތައިން ސޮއްސައިލާފައިވާ ކަމަށެވެ.

މިއީ 1972 ވަނަ އަހަރަށް ފަހު، ފަލަސްޠީންގެ އިޤްތިޞާދަށް އައި އެންމެ ބޮޑު ހީނަރުކަމުގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ އޭޖެންސީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު ޕެޑްރޯ މެނުއަލް މޮރޭނޯ ވިދާޅުވީ، ހަނގުރާމަ އާއި ޣައްޒާ އަދި ހުޅަނގު އައްސޭރިއަށް ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ސަބަބުން، ފަލަސްޠީންގެ އިޤްތިޞާދު ކަންބޮޑުވާ ދަރަޖައަށް ވެއްޓިފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފާއިތުވި 22 އަހަރުގެ ތެރޭގައި ލިބެމުން އައި އިޤްތިޞާދީ ކުރިއެރުން ވަޅުޖެހި، ފަލަސްޠީންގެ ޖީޑީޕީ ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް 2003 ވަނަ ހުރި މިންވަރަށް ވަނީ ސޮއްސާލައިފައެވެ.

އަދި ފަލަސްޠީންގެ އިޤްތިޞާދު ވެއްޓިފައިވާ ފުން އަނދަވަޅުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ބައިނަލްއަޤްވާމީ އެހީއަށް ބަރޯސާވާން މަޖުބޫރުވާނެކަމަށް އެ ރިޕޯޓުގައި އަންދާޒާކޮށްފައިވެއެވެ.

މިގޮތުން، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ފަލަސްޠީންގެ އުމްރާނީ ގިނަ ވަޞީލަތްތައް ބިމާހަމަވެފައިވާއިރު، އުފެއްދުންތެރިކަން އިތުރުކޮށް، އިޤްތިޞާދީ ހަރަކާތްތައް އަލުން ފެށުމަށް ގިނަ އަހަރުތަކެއް ނަގާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މިގޮތުން، ފަލަސްޠީންގެ ކޮންމެ ރައްޔިތަކަށް ޖެހޭ އުފެއްދުންތެރިކަމުގެ ނިސްބަތް، މި ވަގުތު ހުރީ އަހަރަކު 161 އެމެރިކާ ޑޮލަރުގައި ކަމަށާއި، އެއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ މަދުން ބޮލަކަށް ޖެހޭ މިންވަރުކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޣައްޒާގެ އިތުރުން، ހުޅަނގު އައްސޭރީގައި ވެސް އިޤްތިޞާދީ ޙާލަތު ނުރައްކާތެރި މިންވަރަކަށް ވަނީ ވެއްޓިފައެވެ. މިގޮތުން، ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގެ ދަނޑުބިންތަކުގައި ހުޅުޖަހައި، ގެއްލުން ދެމުންދާތީ، ހުޅަނގު އައްސޭރީގައި ދަނޑުވެރިކަން އެކީގައިހެން ހުއްޓި، އިޤްތިޞާދީ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާކަމަށް އެ ރިޕޯޓުގައި ބުންޏެވެ.