ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ 5 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި


  • 14 ބޭފުޅަކު ކުރިމަތިލި

  • 75% އަށްވުރެ މަތިން މާކްސް ލިބުނީ 9 ބޭފުޅަކަށް

ޓެކްސް އެޕީލް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ އެ ޓްރައިބިއުނަލްގެ 5 މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީއެވެ. އެގޮތުން، އެ 5 މެންބަރުންގެ މަޤާމުގެ މުއްދަތު މި މަހުގެ 29އަށް ހަމަވާނެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 5 މެންބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެފަހަރު ހުޅުވާލިއެވެ. ފަހުން ހުޅުވާލި ފުރުޞަތު 14 މީހަކު ކުރިމަތިލާފައިވާތީ އެ ހުރިހާ އެންމެންގެ ނަންތައް ދިރާސާކޮށް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސް ފޮނުއްވެވި މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގެ ތެރޭގައި 13 މީހަކާ އިންޓަވިއުކޮށް މާކްސް ވަނީ ދީފައެވެ. އޭގެ ތެރެއިން 9 މީހަކަށް %75 އަށްވުރެ މަތިން އެ ކޮމިޓީން ވަނީ މާކްސް ދެއްވާފައެވެ. އެއްވެސް މިނިވަން މުއައްސަސާއަކަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދެވޭނީ އެ ބޭފުޅަކަށް ކޮމިޓީން %75 އަށްވުރެ މަތިން މާކްސް ލިބިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުން ފަސް ބޭފުޅަކަށް ރުހުންދޭން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުން ރުހުން ދެއްވި ބޭފުޅުން:

ހަސަން ނާސިޙް އަހުމަދު، މާވަހި/ ސ.ހިތަދޫ
އަލްއުސްތާޛާ އުސާމާ މޫސާ، ޗަމަން/ ށ. ކޮމަންޑޫ
އަލްއުސްތާޛާ އައިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02
އަލްއުސްތާޛާ ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ/ ގއ. ނިލަންދޫ
އަހުމަދު ޔާމީން، ބީޗް ކޯނަރ/ ގދ. ގައްދޫ

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާއެކެވެ.