ޚަބަރު

ދާކާގައި ފަގީރުން ދިރިއުޅޭ އަވަށެއްގައި ރޯވެ، އެތަކެއް ހާސް ބަޔެއްގެ ގެދޮރު ހުލިވެއްޖެ


ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ފަގީރުން ދިރިއުޅޭ ސަރަޙައްދެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަކެއް ހާސް ބަޔެއްގެ ގެދޮރު އަނދައި، ހުލިވެއްޖެއެވެ. ނޮވެންބަރު 25ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ކޯރައިލް ސަރަޙައްދުގައެވެ. އެއީ، ޓިނުޖަހައިގެން ހިޔާކޮށް، އާދައިގެ ގޮތަކަށް ބިނާ ކޮށްފައިވާ އެތަކެއް ހާސް ގެދޮރު ހުންނަ ސަރަޙައްދެކެވެ.

80،000އެއްހާ މީހުން ދިރިއުޅޭ ކޯރައިލަކީ ދާކާގައި ފަގީރުން ދިރިއުޅޭ އެންމެ ބޮޑު އެއް ސަރަޙައްދެވެ. ދާކާގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ، އަލިފާނުގެ ހާދިސާގައި އެތަކެއް ސަތޭކަ ގެއެއް ހުލިވެފައިވާ ކަމުގައެވެ. އަދި، މި ހާދިސާއާ ގުޅިގެން އެތަކެއް ހާސް ބަޔެއްގެ ގެދޮރު ނެތިފައިވާ ކަމުގައެވެ. އަލިފާނުގެ ހުޅުގަނޑު ފެތުރެން ފެށުމާ އެކު، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ ހިފައިގެންގުޅޭ ތަކެތި ހިފައިގެން އެ އަވަށުން ނިކުމެފައެވެ.

ކޯރައިލަކީ ފޯރާ މީހުންނާއި މުއްސަނދިން ދިރިއުޅޭ ގުލްޝަން އަދި ބޮނާނީ އަވަށުގެ މެދުގައި އޮންނަ ސަރަޙައްދެކެވެ. ދާކާގެ އަލިފާން ނިއްވާ އިދާރާގެ އޮފިޝަލެއް ކަމުގައިވާ ތަލްހާ ބިން ޖާސިމް ވިދާޅުވީ، ކޯރައިލްގެ ގެތަކުގައި ރޯވި އަލިފާންގަނޑު ކޮންޓުރޯލު ކުރުމަށް 19 އަލިފާން ނިއްވާ ލޮރީ ފޮނުވަން ޖެހުނު ކަމުގައެވެ.

"މަގުތަކުގައި ކާރޫބާރޫ ބޮޑުވުމާ ގުޅިގެން [އަލިފާން ނިއްވާ ލޮރީތަކަށް] އެ ސަރަޙައްދަށް ދަތުރު ކުރުމަށް ލަސްތަކެއް ކުރިމަތިވި، އެ ސަރަޙައްދަށް ވަނުމަށް ފަހު ވެސް، ހަނި ގޯޅިތަކުން އަލިފާން ރޯވެފައިވާ ސަރަޙައްދަށް ދިޔުމަށް ދަތިތަކެއް ކުރިމަތިވި،" ޖާސިމް ވިދާޅުވިއެވެ. ކޯރައިލްގެ ގެތަކުގައި ރޯވި އަލިފާންގަނޑު ކޮންޓުރޯލުކޮށް، ނިއްވައިލެވިފައި ވަނީ ފަސް ގަޑިއިރުގެ މަސައްކަތުންންނެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. ނަމަވެސް، އެ ސަރަޙައްދުގެ ރައްޔިތުންނަށް ވަނީ މާއްދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. "އަޅުގަނޑުގެ ހުރިހާ މުދަލެއް [އަލިފާނުގައި] ގެއްލިއްޖެ. އަޅުގަނޑު ދެން ދިރިއުޅޭނީ ކިހިނެއް؟" އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތެއް ކަމުގައިވާ އާމިނާ ބޭގަމް ސުވާލު ކުރިއެވެ. ކޯރައިލްގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ސާފެއް ނޫނެވެ. ނަމަވެސް، އެ ކަން ދެނެގަތުމަށް ތަޙުޤީޤެއް ހިންގާނެ ކަމަށް ބެލެވެއެވެ.