ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބ.އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިރޭ 22:30 އިން މެންދަމު 02:30 އާއި ހަމައަށް ބ.އަތޮޅުން ފެށިގެން މ.އަތޮޅާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން ވާރޭވެހި ފެން ބޮޑުވެ ގޭބިސީތަކަށް ފެން ވަދެދާނެކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިއްމުކަމެކެވެ.
Alert Yellow for torrential rain and thunderstorms. pic.twitter.com/ajE5hcbqaM
— Maldives Meteorology (@MetMaldives) November 26, 2025
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް މެޓުން ލަފާކުރައްވައެވެ.
މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް މެޓުން ވިދާޅުވެއެވެ. އެހެންކަމުން މިވަގުތު ކޮންމެހެން ކުރަންޖެހޭ ދަތުރު ފިޔަވާ ކަނޑު ދަތުރު ނުކުރެއްވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ. ކަނޑުގެ ރާޅުތަކުގެ އުސްމިން މިވަގުތުގެ ތެރޭގައި ހުންނާނެކަމަށް މެޓުން ލަފާކުރައްވަނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިނުގައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އަދި މޫސުން އަލިވާނީ ހޯމައިގެ ފަހުން ކަމަށް އިދާރާއިން ލަފާކުރެއެވެ.