ހޮންގ ކޮންގުގެ ޓައި ޕޯގައި ހުންނަ ވޭންގް ފުކް ޓަވަރުތަކުގައި ރޯވެ އަނދަމުންދާ އަލިފާނުގައި މިހާތަނަށް 44 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ އިދާރާތަކުން ބުނެފިއެވެ.
ވޭންގ ފުކް ކޯޓަކީ ހޮންގ ކޮންގގެ ސަރުކާރުގެ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ތަރައްޤީކޮށްފައިވާ އިމާރާތްތަކެކެވެ. އެ ސަރަޙައްދުގައި 32 ފަންގިފިލާގެ ޖުމްލަ އަށް ޓަވަރު ހުންނައިރު، ގާތްގަނޑަކަށް 2،000 އެޕާޓްމަންޓުގައި 4،600އެއްހާ މީހުން އެ ޓަވަރުތަކުގައި ދިރިއުޅެއެވެ. އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ ދުވަސްވީ މީހުންނެވެ. އެއާއެކު ހަލުވިކަމާއެކު އަލިފާންގަނޑު ފެތުރެމުންދާއިރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އިތުރު ދަތިތައް ވަނީ ކުރިމަތިވެފައެވެ.
އިދާރާތަކުން ބުނި ގޮތުގައި އަލިފާނުގެ ހާދިޘާގައި 44 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަލިފާން ނިވާ ސިފައިންގެ މީހެއް ވެސް ހިމެނެއެވެ. 40 މީހުން އިމާރާތްތަކުގެ ތެރޭގައި މަރުވެފައިވާއިރު ހަތަރު މީހުން މަރުވެފައި ވަނީ ހަސްފަތާލުގައި ފަރުވާދެމުން ދަނިކޮށެވެ. ހަސްފަތާލުގައި ފަރުވާ ދެމުންދާ އިތުރު 45 މީހުންގެ ޙާލު ވެސް ދެރައެވެ. އިމާރާތްތަކުގައި އަދިވެސް ގިނަ ޢަދަދެއްގެ މީހުން ތާށިވެފައި ތިބިއިރު، އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 279 މީހުންނަށް ވީނުވީއެއް ނޭނގޭ ކަމަށް ވެސް އިދާރާތަކުން ބުނެފައިވެއެވެ. މިހާތަނަށް 900 މީހުން ވަނީ ވަގުތީ ހިޔާތަކަށް ގޮސްފައެވެ.
އަލިފާން ނިވުމުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާއިރު އަލިފާނުގެ ހޫނު ގަދަ ކަމުންނާއި ބޯ ދުމުގެ ސަބަބުން ބައެއް ޓަވަރުތަކުގެ އެންމެ މަތީ ފަންގިފިލާތަކުން މީހުން ސަލާމަތް ކުރުމުގައި އަލިފާންނިވާ ސިފައިންނަށް ވަނީ ބޮޑެތި ދަތިތައް ކުރިމަތިވެފައެވެ. ނަމަވެސް މިހާރު ވޭންގ ފުކް ކޯޓުގެ އަނދަމުންދާ އަށް ޓަވަރުގެ ތެރެއިން ހަތަރު ޓަވަރުގެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.
އަލިފާނުގެ ހާދިޘާއާ ގުޅިގެން ހޮންގ ކޮންގގެ ފުލުހުން ވަނީ ވޭންގ ފުކް ކޯޓުގެ ޓަވަރުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކުންފުންޏަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ އެ ކުންފުނީގެ ދެ ޑިރެކްޓަރުންނާއި އިންޖިނިއަރިންގ ކޮންސަލްޓަންޓެވެ. ފުލުހުން ބުނީ އަލިފާންގަނޑު ރޯވެ ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރުމުގައި މަރާމާތުގެ މަސައްކަތް ކުރަމުންދިޔަ ކުންފުނީގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް ބެލެވޭ ކަމަށެވެ. އެ ގޮތުން އިމާރާތްތަކުގެ މަރާމާތަށް އެ ޓަވަރުތަކުގެ ބޭރުގައި ޖަހާފައިވާ ދަލާއި ބޭނުންކޮށްފައިވާ އެހެން ސާމާނަކީ ޤަވާއިދުގައިވާ ގޮތުގެ މަތިން އަލިފާން ނުހިފާ ފަދަ ތަކެތި ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ކަން ތަހުޤީޤުކުރަމުންދާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.
މި އަލިފާނުގެ ހާދިޘާއަކީ 1962ވަނަ އަހަރުން ފެށިގެން ހޮންގ ކޮންގުގައި ހިނގާފައިވާ އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި އަލިފާނުގެ ހާދިޘާއެވެ. ހޮންގ ކޮންގުގައި ހިނގާފައިވާ އަލިފާނުގެ ހާދިޘާއަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައި ވަނީ 1918ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިޘާއެއްގައެވެ. އެ ހާދިޘާގައި 600އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.