ޚަބަރު

އަމާޒަކީ މިއަހަރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ %15 އިތުރުކުރުން


  • ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެންމެންނަށް ލިބޭނެގޮތައް ބައްޓަންކުރުން

  • މިހާތަނަށް ރާއްޖެއަށް ވަނީ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައި

ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ މިއަހަރު %15 އިތުރުކުރުމަކީ އަމާޒެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިއަހަރު ރާއްޖެއައި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަފްލާގައި މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު އާމްދަނީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

މިދިޔަ އަހަރު ފަތުރުވެރިކަމުން ލިބުނު އާމްދަނީއަކީ 4.8 ބިލިޔަން ޑޮލަރެވެ. ވަޒީރު ޠާރިޤު ވިދާޅުވީ، އަމާޒަކީ މިއަހަރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު %15.9 އިތުރުކުރުންކަމަށެވެ.

"މިދިޔަ އަހަރު ފަތުރުވެރިކަމުން ލިބުނު އާމްދަނީގެ ގޮތުގައި މިއޮތީ 4.8 ބިލިޔަން ޑޮލަރު. ޓުއަރިޒަމް ރިސިޓްސްގެ ގޮތުގައި މި ހިމެނެނީ ޓީޖީއެސްޓީއާއި، ގްރީން ޓެކްސްއާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި، ޑިއުޓީ ފްރީ ސޭލްސްއާއި. މިއަހަރު އަޅުގަނޑުމެން ޓާގެޓްކޮށްފައި މިއޮތީ މިދިޔަ އަހަރާއި އަޅާބަލާއިރު %15.9 އިތުރުވެގެންދާނެކަމަށް. މިދިޔަ އަހަރާއި އަޅާބަލާއިރު ވަރަށް ބޮޑު އަދަދަކުން އިތުރުވެގެންދާނެ. ވަރަށް މުހިންމު ކަމެއް އެއީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަކީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ފަތުރުވެރިކަމުން ނަފާ ލިބޭނެގޮތައް ކަންކަން ބައްޓަންކުރުމަށްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެއް އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ ނަފާ އެންމެންނަށް ލިބޭނެގޮތައް މި ސިނާއަތް ބައްޓަންކުރުންކަމަށެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %10 އިތުރު އަދަދެއް ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.