އަންނަމަހުގެ އެކަކުން ތޭވީހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެފްއޭއެމް ވިމެންސް ލީގު 2025 އަށް އޮޑި ސްޕޯޓްސް ކުލަބުން ނުކުންނާނީ އުންމީދީ ޓީމަކާއެކުކަމަށް އެޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފިއެވެ.
ލީގަށް ފަރިތަކުރުމަށް މާފަންނު ޓާފުގައި ކުރިއަށް ދިޔަ ޕްރެކްޓިސްއެއްގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނާޝިދު ބުނީ ޓީމުގެ ކުޅުންތެރިންނާމެދު ހިތްހަމަޖެހޭކަމަށެވެ. ޓީމުގެ ކުޅުންތެރިންނަކީ ފުޓްސަލް އަދި ފުޓްބޯޅަ މީގެ ކުރިންވެސް ކުޅެފައިވާ ތަޖުރިބާހުރި ކުޅުންތެރިންކަމަށާ އެހެންކަމުން ޓީމާމެދު ކުރެވޭ އުންމީދު ބޮޑުކަމަށް އޭނާ ފާހަގަކުރިއެވެ.
"އޮޑި ޓީމުގެ ހުރިހާ ކުދިންނަކީވެސް ހަމަ ގާތްގަނޑަކަށް ފުޓްސަލް އެއްޗިހި ކުޅެން ދަންނަ ރަނގަޅު ކުދިން ކޮޅެއް އެބަ ތިބި މި ޓީމުގަ. އެހެންވީމަ އުންމީދު ކުރެވޭ ވަރަށް ރަނގަޅު ޓީމަކަށް ހެދޭނޭ" ނާޝިދު ބުންޏެވެ.
ލީގަށް ތައްޔާރުވުމުގެ ގޮތުން އޮޑިން ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ފަރިތަކުރުންތައް ފޯރީގަ އަންނަނީ ބާއްވަމުންނެވެ. ފަރިތަކުރުންތައް ދާގޮތާ ގުޅޭގޮތުން ނާޝިދު ބުނީ ކުޅުންތެރިން ދައްކަމުން ދަނީ ވަރަށް ރަނގަޅު ހިތްވަރެއްކަމަށެވެ. އެހެންކަމުން ލީގަށް ޓީމުން ވަމުންދާ ތައްޔާރީތަކާމެދު އޭނާ ހިތްހަމަޖެހޭކަމަށް ނާޝިދު ބުންޏެވެ.
"ޕްރެކްޓިސް ހުރިހާ ކުދިންގެ މަސައްކަތާ އެކީ ވަރަށް ރަނގަޅަށް އެބަދޭ. ހުރިހާ ކުދިން މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވާންވެގެން ވަރަށް މަސައްކަތް އެބަ ކުރޭ. ޕްރެކްޓިސް ދާގޮތާ މެދު ވަރަށް ހިތްހަމަޖެހޭ" ނާޝިދު ބުނެފަވެއެވެ.
10 އަހަރަށް ފަހު ފަށާ އެފްއޭއެމްގެ ވިމެންސް ލީގާ ގުޅޭގޮތުން އޮޑީގެ ކޯޗު ބުނީ މިއީ އެފްއޭއެމްއިން އެޅި ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށެވެ. ރާއްޖޭގައި ފުޓްބޯޅަ ކުޅޭހިތްވާ ގިނަ އަދަދެއްގެ ކަނބަލުން އެބަތިބިކަމަށާ މިއީ އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް ނާޝިދު ސިފަކުރިއެވެ.
"މިއީ އަޅުގަނޑު ދެކޭގޮތުގަ އެފްއޭއެމްއިން ކުރި ވަރަށް ރަނގަޅު ކަމެއް. ރާއްޖޭގަ ފުޓްބޯޅަ ކުޅޭ ކުދިން ޕްރެކްޓިސް ކުރާ ގަޑީ މިތަނަށް ނުކުމެލީމަ ފެންނާނެ. ފުޓްބޯޅަ ކުޅެން ބޭނުންވެފަ ތިބި ބައިވަރު ކުދިންތައް އެބަތިބި އެކުދިންނަށް ފުރުސަތު ނުލިބިފަ. ރާއްޖޭގެ އެބައޮތް ފިއުޗަރ އަންހެން ކުދިންނަށް. އެހެންވީމަ އެފްއޭއެމްއިން އެފުރުސަތު އެކުދިންނަށް ދިނުން އެއީ އެފްއޭއެމްއިން ކުރި ވަރަށް ރަނގަޅު ކަމެއް. " ނާޝިދު ބުންޏެވެ.
ޖުމްލަ 6 ޓީމު ބައިވެރިވާ އެފްއޭއެމް އަންހެންނުންގެ ލީގަށް އޮޑިން ނުކުންނާނީ ތަށި ހޯދުމުގެ އަޒުމުގައިކަމަށް ކޯޗު ބުނެފަވެއެވެ. އެހެންނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ ވަރަށް މުހިންމު ތިން ކުޅުންތެރިއަކު ޓީމުގައި ނުހިމެނޭކަމަށާ އެއީ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް އޭނާ ފާހަގަކޮށްފަވެއެވެ.
އެފްއޭއެމް ވިމެންސް ލީގުގައި ކުލަބުތައް ތަރުތީބުވިގޮތަށް ބަލާއިރު ގްރޫޕް އޭގަ ޓީސީ ސްޕޯޓްސް ކުލަބު އޮތްއިރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އޮތީ ގުރޫޕް ބީގައެވެ. އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ގުރޫޕް ޑީގަ ހިމެނޭއިރު އޮޑި ސްޕޯޓްސް ކުލަބު އޮތީ ގުރޫޕް އީގައެވެ. އަދި ވިކްޓްރީ ސްޕޯޓްސް ކުލަބަށް ޖާގަ ލިބިފަވަނީ ގްރޫޕް އެފްއިންނެވެ.
ލީގުގެ ހުރިހާ މެޗެއްވެސް ކުޅޭނީ 35 މިނިޓްގެ ދެ ހާފް ހިމެނޭގޮތަށް ގަލޮޅު ދަނޑުގައެވެ.