ޚަބަރު

ހާޖަރާގޭ ލުތުފީ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފި


1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ބަޔަކު ގެނެސް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތާ ގުޅިގެން ޢުމުރުދުވަހުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުންދިޔަ، ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ބޭސްފަރުވާ އަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށްގޮސް ފިލައިގެން އުޅޭތީ، އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު ކްރިމިނަލް ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފިއެވެ.

ޕޮލިހުން ވިދާޅުވީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދާފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ބޭރުގެ ބަޔަކާއެކު ރާއްޖެ އައިސް ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ބަދަލުކުރަން ކުރި މަސައްކަތުގައި ކުށެއްނެތް އެތައް ބަޔަކު މަރުވެފައިވާތީ ދައުލަތުން ދަޢުވާކޮށް ޢުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނިކޮށް، 2011 ވަނައަހަރު ބޭސްފަރުވާ އަށްކަމަށް ބުނެ ރާއްޖެއިން ބޭރަށްގޮސް، ޙުކުމް ތަންފީޒް ކުރުމާ ދެކޮޅު ހަދައި، އަމިއްލަ ކަންކަމުގައި ދުވަސްތައް ހޭދަކޮށް، ފިލައިގެން އުޅޭތީ ޢަބްދުﷲ ލުޠުފީ ހައްޔަރު ކޮށްގެންވެސް ހާޒިރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައި ވާތީކަމަށެވެ. 

ހާޖަރާގޭ ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.