ޚަބަރު

ޒުވާނުންގެ ދައުރު އިތުރުކުރުމަށް ގޮވާލާ ޤަރާރު ތަންފީޒުކުރުން


ޞުލްޙައާއި ރައްކާތެރިކަމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް އދ.ގެ ސެކިއުރިޓީ ކައުންސިލުން އެކުލަވާލާފައިވާ ޤަރާރު، ނުވަތަ "ޔޫތް، ޕީސް އެންޑް ސެކިއުރިޓީ" ރެޒޮލިއުޝަނަކީ ޞުލްޙައަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް ބާރުއަޅާ ޤަރާރެކެވެ.

މިޤަރާރުގައި އދ.ގެ މެންބަރު ޤައުމުތަކުން ޤައުމީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ނިންމާ ޞުލްޙައާގުޅޭ ނިންމުންތަކުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް ގޮވާލާފައިވެއެވެ. މިޤަރާރުގައިވާ ގޮތުގެމަތިން ޤައުމުތަކުގައި އުފެދޭ ހަމަނުޖެހުމާއި، ޓެރަރިޒަމާއި، ހައްދުފަހަނައަޅައިދިއުމުގެ މައްސަލަތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމުން، މި ކަންތައްތައް ތަންފީޒުކުރުމުގައި ކުރިއެރުން ލިބޭނެކަމަށް ބުނެފައިވެއެވެ.

މިޤަރާރު ރާއްޖޭގައި ތަންފީޒުކުރުން ފެށުމުގެ ގޮތުން ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ސާޅިސް ހަތެއް އިންސައްތައަކީ ޒުވާނުންކަމަށްވާއިރު، ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ޙިއްޞާ އިތުރުކުރުކޮށް، ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމަށް މި އދ.ގެ މި ޤަރާރަކީ ރާއްޖެއަށްވެސް މުހިންމު ޤަރާރެއްކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި ޒުވާނުންނަށް ހުރި ފުރުޞަތުތަކާއި ސަރުކާރުން ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި އދ.ގެ ރެޒިޑެންޓް ކޯރޑިނޭޓަރ މިސް ޝޯކޯ ނޯޑާ ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރުމަހު އދ އިން ފާސްކޮށްފައިވާ މިޤަރާރު ރާއްޖޭގައި ތަންފީޒްކުރަން ފެށުމުން މަރުޙަބާ ވިދާޅުވެފައެވެ. އަދި މިޤަރާރުގެ މުހިންމުކަމުގެ މައްޗަށް ޝޯކޯގެ ވާހަކާއިގައި އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުވުމުގައި ތިރީސް ޒުވާނުން ބައިވެރިވިއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ޒުވާނުން ވަނީ، ޒުވާނުންނަށް ހުރި ދަތިތައް ބަލައިގަނެ، ދުނިޔޭގެ ބޮޑެތި ޤަރާރުތައް ރާއްޖޭގައި ތަންފީޒްކުރުމަކީ އެފަރާތްތަކުން ޤައުމުގެ ކަންކަން ނިންމާ މަރުޙަލާގައި މަސައްކަތްކުރުމަށް ލިބުނު ހިތްވަރެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އދ. އިން ވަނީ މިފަދަ އިތުރު ބައްދަލުވުންތައް ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ނިންމާފައެވެ.