އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 10 ކުޅުންތެރިންނާއިއެކު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗަށް ނިކުތްއިރު ޗެލްސީގެ މިޑްފީލްޑަރ ކޯލް ޕާމާ އަނިޔާއަށްފަހު އަލުން ޓީމާއި ގުޅިފައިވީ ނަމަވެސް ކޯޗު އެންޒޯ މަރެސްކާ މި މެޗުގައި އޭނާ ބޭނުންކޮށްފައެއް ނުވެއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން ރަގަޅު ކުޅުމެއް ދައްކާ އާސެނަލްގެ ގޯލަށް ވަނީ ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން އެ ޓީމުގެ ޒުވާން ފޯވަޑް އެސްޓެވާއޯ ވިލިއަމް ފޮނުވާލި ދެ ހަމަލައެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.
ޗެލްސީ އަށް މި މެޗުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 38 ވަނަ މިނިޓުގައި އެ ޓީމުގެ މިޑްފީލްޑަރ މޯސެސް ކައިސޭޑޯ އާސެނަލްގެ ފޯވަޑް މިކޭލް މެރީނޯ އަށް ކުރި ފައުލަކާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. މިއީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޗެލްސީ އަށް ދެއްކި ހަވަނަ ރަތް ކާޑެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޗެލްސީ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ ޗެލްސީ އަށް ލިބުނު ކޯނަރެއް ރީސް ޖޭމްސް ނަގައިދިން ވަގުތު ޑިފެންޑަރ ޓްރެވާ ޗަލޮބާ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
އާސެނަލް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ޗެލްސީ އިން ލީޑު ނެގިތާ 11 މިނިޓު ފަހުން ބުކަޔޯ ސަކާ އަރިމަތިން ނަގައިދިން ހުރަހެއް މިކޭލް މެރީނޯ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި މެޗުގައި އާސެނަލް އިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް ޗެލްސީގެ ގޯލުކީޕަރު ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.
މި ނަތީޖާ އާއިއެކު އާސެނަލް އަށް ވަނީ 13 މެޗުން ޖުމްލަ 30 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް 25 ޕޮއިންޓް ލިބިފައިވާއިރު ޗެލްސީ އަށް ލިބިފައިވާ 24 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.