ކުޅިވަރު

ސައުތު އެފްރިކާ އިންޓަރނޭޝަނަލް ބެޑްމިންޓަން މުބާރާތުން ރާއްޖެއަށް ދެ މެޑެލް


  • އެފްރިކާ ޓުއަރގައި ރާއްޖޭގެ އެތުލީޓުންވަނީ ޖުމްލަ 7 މެޑަލް ހޯދާފަ

  • ބީޑަބްލިއުއެފްގެ މުބާރާތްތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާ ވަނީ ދެ ރަން މެޑަލް ހޯދައިފަ

  • ބީޑަބްލިއުއެފްގެ ސީރީޒް މުބާރާތްތަކުން ރާއްޖޭގެ އެތުލެޓީން ހޯދި ރަން މެޑަލްގެ އަދަދު ފަހަކަށް އަރާ

ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ކުރިއަށްދިޔަ އަކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަރނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ އެތުލީޓުން ދެ މެޑެލް ހޯދައިފިއެވެ.

މިދިޔަމަހުގެ 27އިން 30އަށް ކުރިއަށް ދިޔަ މިމުބާރާތުން މެޑަލް ހޯދި އެތުލީޓުންނަކީ އަންހެނުންގެ އޯޕަން ސިންގަލްސް ބައިގައި ވާދަކޮށް ރިހި މެޑެލް ހޯދި، ފާތިމަތު ނަބާހާ (ނަބާ) އާއި މިކްސް ޑަބަލްސްގައި ވާދަކޮށް ލޯ މެޑަލް ކަށަވަރު ކުރި ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއަރއެވެ.

ރިވައިވަލް ސްޕޯޓްސްގެ ހައި ޕާފޯމަންސް ޓީމުގެ ހަ ކުޅުންތެރިން ވަނީ އެފްރިކާ ޓުއާގެ ތިން މުބާރާތެއްގައި ވަނީ ވާދަކޮށްފައެވެ. މި ތިން މުބާރާތުގައި ވެސް ނަބާ އާއި ނަބީގެ ޕެއާ ވަނީ އަންހެން ޑަަބަލްސްގައި ވާދަކޮށް ރިހި މެޑަލް ހޯދައިފައެވެ. ތިން ފައިނަލުގައިވެސް ރާއްޖޭގެ ޕެއަރއިން ވާދަކޮށްފައިވަނީ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނީޓާ ޝޮލްޓްޒްގެ ޕެއަރއާއެވެ. އިއްޔެ ނިމުނު އަކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި ނަބީ އާއި ނަބާގެ ޕެއާ ބަލިވީ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނީޓާ ޝޮލްޓްޒްގެ އަތުންނެވެ. މިސެޓުތައް އިދިކޮޅުން ނަގައިފައިވަނީ 09-21، 26-24 އަދި 14-21ގެ ފަރަގަކުންނެވެ.

އެފްރިކާ ޓުއާގައި ވާދަކުރި ރާއްޖޭގެ އެތުލީޓުން ވަނީ ފާހަގަކޮށްލެވޭ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ ޑަބަލްސް އިވެންޓުގައި ވާދަކޮށް ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއަރ ވަނީ ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައެވެ. އޭގެ އިތުރުން އެމުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާހާ އާއި ނަބީހާގެ ޕެއާވަނީ ރިހި މެޑަލްވެސް ހޯދައިފައެވެ. އަދި ބޮޓްސްވާނާ އިންޓަނޭޝަނަލް މުބާރާތުގެ އަންހެން ޑަބަލްސް ބައިން ނަބާ އާއި ނަބީގެ ޕެއާއިން ރިހި މެޑަލެއް ހާސިލް ކުރިއިރު މިކްސް ޑަބަލްސްއިން ޒަޔާން އާއި ނަބާގެ ޕެއާ ވަނީ ލޯ މެޑެއްޔެއް ކަށަވަރުކޮށްފައެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖެ އަށް ދީފައިވާ ސަސްޕެންޝަނަށް ލުޔެއް ދިނުމާއެކު ރިވައިވަލް ސްޕޯޓްސްއިން ވަނީ ޤައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ހިމަނައިގެން އެފްރިކާގެ ވާދަވެރި ތިން މުބާރާތެއްގައި ވާދަކޮށްފައެވެ. އެއީ ބީޑަބްލިއުއެފް އިން ރުހުންދީފައިވާ ތިން މުބާރާތްކަމަށްވާ ޒެމްބިއާ އިންޓަނޭޝަނަލް، ބޮޓްސްވާނާ އިންޓަނޭޝަނަލްގެ އިތުރުން އިއްޔެ ނިމުނު، އަކުއާސްޕްރިންގް ސައުތު އެފްރިކާ އިންޓަނޭޝަނަލްއެވެ. މި ތިން މުބާރާތުން ރާއްޖޭގެ އެތުލީޓުން ވަނީ ޖުމްލަ 7 މެޑަލް ޤައުމަށް ހޯދައިދީފައެވެ.

ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތްތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިވަނީ މިހާތަނަށް ދެ ރަން މެޑަލް ހޯދައިފައެވެ. އަދި ބީޑަބްލިއުއެފްގެ ސީރީޒް މުބާރާތްތަކުން ރާއްޖޭގެ އެތުލެޓީން ހޯދި ރަން މެޑަލްގެ އަދަދު މި ވަނީ ފަހަކަށް އިތުރުވެފައެވެ.