ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމަށާއި، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން އަތޮޅު ތެރޭގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ފުވައްމުލަކު ސިޓީގައި ބޭއްވި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގުރާމަކީ، ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމުގެ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީ، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހިނގާ ގޮތާއި، އަސާސްތަކާއި، ރައްޔިތުންނަށް ލިބިދޭ ހައްޤުތަކުގެ އިތުރުން އިންތިޚާބީ ނިޒާމަށް ޢާންމުން ހޭލުންތެރި ކުރުވުމަށް ބޭއްވި ޕްރޮގުރާމެކެވެ.
ފުވައްމުލަކު ސިޓީގައި ބޭއްވި މި ޕްރޮގްރާމްގެ ތެރެއިން ވޯޓުލުމުގެ ހައްޤު ލިބިފައިވާ އެކި އުމުރު ފުރައިގެ މީހުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން ސެޝަންތަކެއް ބާއްވާފައިވެއެވެ.
ނޮވެމްބަރު 28އިން މިއަދާއި ހަމައަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ފުވައްމުލަކުން އަލަށް ވޯޓުލާ 50 އެއްހާ މީހުން ބައިވެރިވިއެވެ.
މިއީ، ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމަށާއި، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް މި ޕްރޮގްރާމް 12 އަތޮޅެއްގެ 36 ރަށެއްގައި ވަނީ ބާއްވާފައެވެ.
އެގޮތުން ހއ، ށ، ނ، ރ، ޅ، އދ، ފ، ތ، ގއ، ގދ، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގައި ވަނީ، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ.