ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރެވުނު 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން' ގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ ޗާލްސް ތިންވަނަ އިސްނަންގަވައިގެން އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވް (އެސް.އެމް.އައި.) އިންނެވެ. މި ބައްދަލުވުމުގައި، ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމް.ޑީ.ބީ.) ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ޤައުމުތަކުން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި އެމް.ޑީ.ބީ.ތައް މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބިލައިޒްކުމުގެ މަސައްކަތްތައް ހަލުވިކުރުމެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ޑެޓް-ފޮރ-ކްލައިމެޓް" އަދި "ޑެޓް-ފޮރ-ނޭޗަރ" މަޝްރޫޢުތައް ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވާ، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުށަހަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މޫސުމީ ބަދަލުތަކަށް އެކަށޭނެ، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މިފަދަ އެހީތެރިކަމުގެ ފުރިހަމަ މަންފާ ލިބިގެންދާނެ ގޮތްތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އިތުރަށް އުފުލުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.
ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވްގެ މި ބައްދަލުވުމަކީ، ސަރުކާރުތަކުގެ ލަނޑުދަނޑިތަކާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ގުޅުވައިލުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތެކެވެ.