ޚަބަރު

"ސިލޯނާއިއެކު ދިވެހިން" ޓެލެތޯނުން 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ!


  • ދިވެހި ރުފިޔާއިން ލިބިފައިވަނީ 11،553،291.10 ރުފިޔާ

  • 51،088.31 ޑޮލަރު

"ސިލޯނާއިއެކު ދިވެހިން" ޓެލެތޯނަށް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މީގެތެރޭގައި ދިވެހި ރުފިޔާއާއި ޑޮލަރުން ލިބުނު އަދަދު ހިމެނެއެވެ.

ސިލޯނާއިއެކު ދިވެހިން މި ޓެލެތޯނަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިސްނަގައިގެން ދިވެހި މީޑިއާތަކާއި ގުޅިގެން ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ. މި ޓެލެތޯން ކުރިއަށްގެންގޮސްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9 އިން ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށެވެ. މި ޓެލެތޯންއަށް އެކު ޖުމްލަ 12،341،466.62 ރުފިޔާ ވަނީ ލިބިފައެވެ.

މި ޓެލެޓޯންގެ އޮފިޝިއަލް އޮޑިޓް ޕާޓްނަރަކީ 'ކްރޯ މޯލްޑިވްސް' އެވެ. ކްރޯ މޯލްޑިވްސްއިން ވިދާޅުވީ، ސިލޯނާއިއެކު ދިވެހިން ޓެލެތޯން ފެށިގެން ނިމެންދެން ޕީއެސްއެމްއާއު ވަރަށް ގާތުން މަސައްކަތް ކުރަމުން ދިޔަކަމަށެވެ. ޓެލެތޯންގެ ޕަންޑު ރެއިޒިން ވަގުތު ހަމަވުމަށްފަހު ފަންޑު ފޮށިތަކަށް ލިބިފައިވާ ފައިސާ ގުނުމުގެ ހުރިހައި މަސައްކަތެއްކޮށްފައިވަނީ ކްރޯ މޯލްޑިވްސްގެ ފަރާތުންކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ޖުމްލަ ފަންޑަށް ލިބިފައިވާ އަދަދު:

* 11،553،291.10 (އެގާރަ މިލިޔަން ފަސްލައްކަ ފަންސާސް ތިންހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ ދިހަ ލާރި)
* 51،088.31 (ފަންސާސްއެއް ހާސް އަށްޑިހަ އަށްޑޮލަރު ތިރީސްއެއް ސެންޓް)
* 20 ޔޫރޯ

ކްރޯ މޯލްޑިވްސްއިން ވިދާޅުވީ، ގުނި ހުރިހައި ފައިސާތައް ބޭންކް އޮފް މޯލްޑިވްސްއަށް ޖަމާކުރުމަށް ފޮނުވާފައިވާކަމަށެވެ. މި ޓެލެތޯންގެ މަސައްކަތް ޕީއެސްއެމްއިން ކޮށްފައިވަނީ އިންޓާނަލް ސްޓޭންޑާރޑްތަކާއި އެއްގޮތައްކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

"މުޅި ފަންޑް މެނޭޖްކުރުމާއި އަދި ފަންޑް ރެއިޒްކުރުމުގައި ޕީއެސްއެމްއިން މަސައްކަތްކޮށްފައި މިވަނީ ކްރޯއިން ކަނޑައަޅާފައިވާ އިންޓާނަލް ސްޓޭންޑާރޑްތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަން މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން." ކްރޯ މޯލްޑިވްސްއިން ވިދާޅުވިއެވެ.

މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޓެލެތޯނަށް ޚާއްސަ އެކައުންޓެއް ބީއެމްއެލްއިން ހަމަޖައްސައިދިންއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެއެވެ.

ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ފުލުހުންގެ ފަރާތުން ވަނީ 2.4 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. މިއީ ޓެލެތޯން މެދުވެރިކޯށް ފައިސާ ހަދިޔާ ކުރުމުގެ ވަގުތު ހަމަވިއިރު ލިބުނު އެންމެ ބޮޑު ފައިސާގެ އެހީއެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައއެވެ.