ޚަބަރު

ފުލަމް އަތުން ސިޓީ މޮޅުވިއިރު ހާލަންޑް އަށް ރެކޯޑެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 5-4 ގެ ނަތީޖާ އަކުން ސިޓީ މޮޅުވެއްޖެ އެވެ.

ފުލަމްގެ ކްރެވަން ކޮޓޭޖްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު މެޗުގެ 17 ވަނަ މިނިޓުގައި ސިޓީގެ ފޯވަޑް އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ހާލަންޑް މި މެޗުގައި ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 100 ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ. ހާލަންޑް 100 ލަނޑު ހަމަކޮށްފައިވަނީ 111 މެޗުންނެވެ. މީގެ ކުރިން މި ރެކޯޑް އޮތް އެލަން ޝިއަރާ 100 ލަނޑު ހަމަކޮށްފައިވަނީ 124 މެޗުންނެވެ.

ސިޓީ އިން މި މެޗުގައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައިވަނި މެޗުގެ 37 ވަނަ މިނިޓުގައި ޓިޖާނީ ރޭންޑާރސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ފިލް ފޯޑެން ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.

މި މެޗުގައި ފުލަމް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި އެމީލް ސްމިތް ރޯވް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ސިޓީގެ ފޯޑެން ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. އަދި މެޗުގެ 54 ވަނަ މިނިޓުގައި ޖެރެމީ ޑޯކޫ ފޮނުވާލި ބާރު ހަމަލައެއް ފުލަމްގެ ސެންޑަރ ބާރޖްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 5-1 އަށް ބަދަލުވެފަ އެވެ.

ފުލަމްގެ ޓީމަށް ދެވަނަ ހާފުގައި ގެނައި ބަދަލުތަކާއިއެކު އެ ޓީމުގެ ކުޅުން ވަނީ އިތުރަށް ރަގަޅުކޮށް ސިޓީގެ ގޯލަށް ނުރައްކާކޮށްފަ އެވެ.

މެޗުގެ 57 ވަނަ މިނިޓުގައި ފުލަމްގެ އެލެކްސް އިވޯބީ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފަ އެވެ. އަދި މެޗުގެ 72 ވަނަ މިނިޓާއި 78 ވަނަ މިނިޓުގައި ސެމުއެލް ޗުކްވުއޭޒޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-4 އަށް ބަދަލުކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު ސިޓީ އޮތީ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ލިބިފައިވާ 28 ޕޮއިންޓާޢެކު ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 30 ޕޮއިންޓެވެ.