ޚަބަރު

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި


  • ޖަޕާނު ސަފީރަކަށް މަޚްލޫފް އައްޔަންކުރަން މަޖިލީހުން ފާސްކުރީ ބުދަ ދުވަހު

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، އަޙްމަދު މަޚްލޫފް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަޙްމަދު މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަޚްލޫފު އައްޔަންކުރަން މަޖިލީހުން ފާސްކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ.

މަޚްލޫފަކީ ސިޔާސީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ނިކުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީންނެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެން ނިމިދިޔަ ވެރިކަމުގައި ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ކުރައްވާފައެވެ.

ގިނަ އަހަރުތަކެއްވަންދެން ސިޔާސީ މަސައްކަތް ކުރައްވާފައިވާ މަޚްލޫފް އެމްޑީޕީން ވަކިވެ ވަޑައިގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތީ މިމަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި ޚާއްސަ ހަފްލާގައެވެ.