ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުވާއްވަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރައްވައިފިއެވެ.
މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް މިހާރުވަނީ އިޢުލާނުކޮށްފައެވެ. އަދި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިމަހުގެ 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް ވަނީ ޢިއުލާންކޮށްފައެވެ. އެ މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެކަމަށާއި، އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނޭކަަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމަށްޓަކާވެސް ދުރާލާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އެގޮތުން، ރާއްޖޭގެ އާބާދީ ބޮޑެތި ސަރަޙައްދުތަކަށް ބަލައިގެން 12 އަތޮޅެއް ހިމެނޭހެން 36 ރަށަކަށް ކޮމިޝަންގެ ޓީމްތައް ގޮސްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ނޮވެމްބަރު އަދި ޑިސެމްބަރުމަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި ވޯޓުލުމުގެ މުހިންމުކަމާއި، އިންތިޚާބާ ގުޅޭގޮތުން ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެކަމަށާއި، ސެޝަންތައް ނަގައިދިނުމުގައި އިލެކްޝަންސް ކޮމިޝަންގެ އިތުރުން، މިނިވަން މުއައްސަސާތަކާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ބައިވެރިވާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
ހަމައެހެންމެ މީޑީއާގެ އެކި ވަސީލަތްތައް މެދުވެރިކޮށްވެސް މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.