ކުޅިވަރު

ވޯލްޑްކަޕް ޑްރޯ: ސިޔާސީ ކުލަޖެހިފައިވާ ޓްރަމްޕަށް ހާއްސަ ޝޯއެއް


އެމެރިކާގެ ވައިޓް ހައުސްއާ މޭލުތަކެއް ދުރުގައިވާ ކުރީގެ ރައީސް ޖޯން އެފް ކެނޑެނީގެ ހަނދާނީ މަރުކަޒަށާއި މުޅި ދުނިޔެ އަށް ވެސް މިރެ އަކީ ހާއްސަ ރެއެކެވެ. ދުނިޔޭގެ ތަށްޓަކަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުން އޮންނާނީ މި މަރުކަޒުގަ އެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ޝޯ ކަމަށް ވިޔަސް މި ރަސްމިއްޔާތުގެ ކޮންމެ ކަމެއްގައި ވަނީ ސިޔާސީ ކުލަ ޖެހިފަ އެވެ. ހާއްސަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުއްސަން މުޅި އިވެންޓް ވަނީ ހާއްސަކޮށްފަ އެވެ.

ކެނެޑީ ސެންޓަރުގައި ގުރު ނެގުން ބާއްވާއިރު މިތަން ހިންގާ ބޯޑުގެ ޗެއާމަނަކީ ޓްރަމްޕެވެ. މިބަދަލު ގެނެސްފައިވަނީ މި އަހަރު ކުރީކޮޅު އެވެ. މުޅި ދުނިޔޭގެ ކަޅި ހުއްޓޭނެ މި ރަސްމިއްޔާތުގައި ފެނިގެންދާނެ ނެށުންތަކާއި ލަވައަކީ ޓްރަމްޕަށް އެންމެ ކަމުދާނެ ލަވަތަކާއި ނެށުންތެކެވެ. އޭނާގެ ކެމްޕޭނުގައި އިވުނު އަޑާއި މަންޒަރުތަކެވެ. ޝޯގެ ހޯސްޓުންނަކީ ވެސް ޓްރަމްޕް ރުހުން ލިބިފައިވާ ބަޔެކެވެ.

ވޯލްޑް ކަޕް ގުރު ނެގުމުގެ ކުރިން އެންމެ ފުރަތަމަ އޮންނާނީ ފީފާއިން އަލަށް ތައާރަފް ކުރި ސުލްހައިގެ އިނާމް ދިނުމެވެ. ކުރިން ރަސްމިއްޔާތުގެ މެދުތެރެއިން ދޭން ނިންމާފައިވާ އިނާމް ދިނުން އެޖެންޑާގެ ކުރިއަށް ޖެއްސީ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވާ ގައުމުތަކުގެ ލީޑަރުންގެ ކުރިފުޅު މަތީގައި މި އިނާމް ޓްރަމްޕަށް ދެއްވުމަށެވެ. އެމެރިކާއާއެކު މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން މެކްސިކޯގެ ރައީސާއި ކެނެޑާގެ ބޮޑު ވަޒީރު ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވާނެ އެވެ. ފީފާއިން ސުލްހައިގެ އިނާމް ދިނުން އަވަސްކޮށްލީ މެކްސިކޯ ކުޅޭނެ ޓީމުތައް އެނގުމުން ރަސްމިއްޔާތު ދޫކުރައްވައި ވަޑައިގަންނަވާނެކަން އެގައުމުގެ ރައީސް އިއުލާނު ކުރެއްވުމުންނެވެ. އެމެރިކާގެ ރައީސް ކަމަށް ދެ ވަނަ ފަހަރަށް ޓްރަމްޕް ވަޑައިގަތް ފަހުން މެކްސިކޯއާ އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މިހެންވެ މިކަންކަމަކީ ޓްރަމްޕްގެ ރަހުމަތްތެރިޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަރަށް ހިކުމަތްތެރިކަމާއެކު އޭނާގެ މިތުރުގެ ހިތްހަމަ ޖެހުމަށް ރާއްވަވާފައިވާ ޕްލޭނެއް ކަމަށް ގަބޫލު ކުރާ މީހުން ދަނީ ގިނަވަމުންނެވެ.

ފީފާއިން ސުލްހައިގެ އިނާމް ދޭން ޖެހޭ ސަބަބެއް ނެތެވެ. މި އިނާމް ދޭން ނިންމީ ވެސް ފީފާ ކައުންސިލާ ވެސް މަޝްވަރާ ކުރުމެއްނެތި އެވެ. އެކަން ނުކުރައްވައި ހުއްޖަތަކަށް އިންފަންޓީނޯ ދެއްކެވީ 2019 ވަނަ އަހަރު ފީފާއިން އާޖެންޓީނާގެ ރައީސަށް ހާއްސަ އިނާމެއް ދީފައިވުމެވެ. ސުލްހައިގެ އިނާމް ތައާރަފްކޮށް ޓްރަމްޕަށް އިނާމް ދެނީ ފަލަސްތީނުގެ ޢައްޒާ އަށް އިޒްރޭލުން ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕް ކުރެއްވި މަސައްކަތަށް ތައުރީފް ކުރައްވަމުންނެވެ. އަދި މިއީ ނޯބަލް ޕީސް ޕްރައިޒަށް ޓްރަމްޕަށް ލިބިވަޑައިނުގަތުމުން އެއަށްވުރެ ހައިބަތު ބޮޑު އިނާމެއް ކަމަށް ވެސް ފީފާއިން ދަނީ ބުނަމުންނެވެ.

ދެ ވަނަ ފަހަރަށް ވެރިކަމަށް ވަޑައިގައިގަތުމަށްފަހު ޓްރަމްޕްގެ މަގުބޫލުކަން ދަނީ ދަށްވަމުންނެވެ. އޭނާގެ މޫނުމަތި ދުނިޔޭގެ ކުރިމަތީގައި ރީތި ކުރަން މިހާރު ބޭނުންކުރާ މޭކަޕް ސެޓަކީ ފީފާ އާއި ވޯލްޑް ކަޕެވެ. އެކަން ކުރައްވަން އިންފަންޓީނޯ ގެންދަނީ އަމިއްލަ ފުޅަށް ގުރުބާންވެ ވަޑައިގަންނަވަމުންނެވެ.

އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ކުލަބު ވޯލްޑް ކަޕް ނިންމުން ޝަރަފުވެރިކޮށްދެއްވައި ޗެލްސީގެ ޓީމަށް ތަށި ހަވާލުކޮށްދެއްވީ ޓްރަމްޕެވެ. އެކަމަކު އިންފަންޓީނޯ އާދޭސް ކުރެއްވުމުން ވެސް ސްޓޭޖުން ފައިބާ ވަޑައިނުގަންނަވައި ޗެލްސީގެ ކުޅުންތެރިންނާއެކު އެ އުފާވެރި މަންޒަރު ހިއްސާ ކުރެއްވި އެވެ. މިއީ ފީފާގެ ޕްރޮޓޮކޯލްތަކާ ހިލާފު ކަމަކަށް ވިޔަސް ޓްރަމްޕް ރުއްސަން ޖެހޭތީވެ ފީފާ ޖެހުނީ އިސް ޖަހާލާށެވެ. މިކަމާހެދި މިހާރު ވެސް ގިނަ ބަޔަކު ބުނަމުންދަނީ ވޯލްޑް ކަޕުގައި ޓްރަމްޕް ފީފާގެ ޕްރޮޓޮކޯލްތަކާ ހިލާފަށް މިފަދައިން އަމަލު ކުރައްވާނެ ކަމަށާއި ފީފާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި އޭރުގެ ރައީސް ބިލް ކްލިންޓަން ބައިވެރިވަޑައި ނުގަންނަވަ އެވެ. ފުޓްބޯޅަ ސިޔާސީ ކުރަން ބޭނުންފުޅުނުވީ އެވެ. ފީފާގެ އޭރުގެ ރައީސުން ވެސް އެކަމަށް ޖާގަ ނުދެއްވީ އެވެ. ނަމަވެސް ޓްރަމްޕް ތަފާތެވެ. އޭނާގެ މާބޮޑު ޝައުގެއް ނެތް ކުޅިވަރެއްގެ ތެރެއިން އަމިއްލަ ޕްރޮމޯޝަނަށް މަސައްކަތް ފެއްޓެވީ އެކަމަށް އިންފަންޓީނޯ ވިސްނައި ދެއްވުމުންނެވެ.

ޓްރަމްޕްގެ ކޮންމެ ބައްދަލުވުމަށްފަހު ފީފާގެ ނިންމުންތައް ވެސް ތަފާތެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފީފާއިން ދިން ތިން މެޗުގެ ސަސްޕެންޝަން ވަގުތީ ގޮތުން މައާފްކޮށް ވޯލްޑް ކަޕުގައި ކުޅެވޭގޮތް ހެދީ ވައިޓް ހައުސްގައި ސައޫދީ އަރަބިއާގެ ޕްރިންސުންނާއި ރޮނާލްޑޯއާއެކު ޓްރަމްޕް ބައްދަލުކުރެއްވި ފަހުންނެވެ.

އިންފަންޓީނޯ އާއި ޓްރަމްޕްގެ ގާތްކަން އުފެދުނީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން ޓްރަމްޕްގެ ގިނަ ބައްދަލުވުންތަކުގައި ވެސް އިންފަންޓީނޯ އަކީ ހާއްސަ ބައިވެރިއެކެވެ. ކުޅިވަރާ ގުޅުން ނެތް ކަންކަމުގައި ވެސްމެ އެވެ. ޑާވޯސް އިކޮނޮމިކް ފޯރަމުގައި ބައިވެރިވެވަޑައިގަތެވެ. އިޒްރޭލާއި އަރަބި ބައެއް ގައުމުތަކުގެ ހާއްސަ ބައްދަލުވުންތަކުގައި ވެސް އިންފަންޓީނޯ އަކީ ހާއްސަ މެހުމާނެކެވެ. މި ފަހަރު ޓްރަމްޕް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ވަޑައިގަތެވެ. ފީފާއިން ބުނަނީ މިއީ ދުނިޔޭގައި ފުޓްބޯޅަ ފްރޮމޯޓް ކުރެއްވުމަށް އިންފަންޓީނޯ ކުރައްވާ ކަމެއްގެ ގޮތުގަ އެވެ.

އެކަމަކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުން އިތުރުވުމާއެކު އިންފަންޓީނޯ އަށް އަމާޒުވާ ތުހުމަތުތައް ގިނަ އެވެ. ޓްރަމްޕާއެކު މާގާތްކޮށް އުޅުއްވާތީވެ އޭނާގެ ބައިވެރިން ވެސް މިހާރު ވަނީ ނުރުހޭ ގޮތްވަމުންނެވެ. ކުރެވޭ ތުހުމަތުތައް ވެސް ވަނީ ގިނަވެފަ އެވެ. ފީފާގެ ރައީސް ކަމުގައި ނެތް ދުވަހަކު ތަހުގީގު ކުރެވިދާނެ މައްސަލަތައް ވެސް ދަނީ ފެންމަތިވަމުންނެވެ. ރަޝިޔާގެ ރައީސް ވަލްޑްމީރު ޕުޓިން 2018 ވަނަ އަހަރު އިންފަންޓީނޯ އަށް ރަޝިއަން އޯޑަރ އޮފް ފްރެންޑްޝިޕް މެޑަލް ދެއްވުން އެކަން ގަބޫލުފުޅު ކުރެއްވުން ފަދަ ކަންކަމެވެ.

މި އަހަރު ކުރީކޮޅު ޕެރަގުއޭގައި އޮތް ފީފާ ކޮންގްރެސް އަށް އިންފަންޓީނޯ އަށް ވަޑައިގެންނެވުނީ ޓްރަމްޕާއެކު މެދުއިރުމަތީގައި އުޅުއްވަން ޖެހުމުން ގަޑިޖެހިގެންނެވެ. މިކަމާ ރުޅިއަރައިގަނެ ޔޫރަޕު ފުޓްބޯޅައިގެ މައި ޖަމާއަތުން ކޮންގްރެސް ދޫކޮށްލި އެވެ. ދަމުން ބުނީ ސިޔާސީ އަމިއްލަ އެދުމުގެ ތެރެއިން ފުޓްބޯޅަ އަށް ލިބޭ ކުރިއެރުމެއް ނެތް ކަމަށެވެ.

2018 ވަނަ އަހަރު އިންފަންޓީނޯ އަމިއްލަ ފުޅަށް ވިދާޅުވީ ފުޓްބޯޅަ އާއި ސިޔާސީ ކަންކަން ވަކި ކުރަން ޖެހޭ ކަމަށެވެ. އެކަމަކު ޓްރަމްޕާއެކު ކުރައްވާ ދަތުރުފުޅުތަކަށް ފަހު ރާގު ބަދަލު ކުރައްވައިފި އެވެ. މިހާރު ވިދާޅުވަނީ ދުނިޔޭގެ ލީޑަރުންނާއެކު ފުޓްބޯޅަ ތަމްސީލު ކުރެއްވުމަކީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެކަމަކު މި އެޕިސޯޑުގައި މުޅިން ފެންނަނީ ޓްރަމްޕް ރުއްސުމަށް ކަންކަން ކުރައްވާތަނެވެ. ޓްރަމްޕް ޓަވަރުގައި ފީފާގެ އޮފީހެއް ހުޅުވުމާއި ދަރިކަނބަލުންނަށް ފީފާގެ ކޮމިޓީތަކުން ޖާގަ ދެއްވުން ފަދަ ކަންކަމެވެ. މިއާ ހިލާފަށް ފަލަސްތީނަށް އަރައިގަނެ ހިންގަމުންދިޔަ އިންސާނިއްޔަތާ ހިލާފު އަމަލުތަކުގެ ސަބަބުން ފުޓްބޯޅައިގެ ހަރަކާތްތަކުން އިޒްރޭލް ބާކީ ކުރުމަށް ސޮއިކުރައްވައި އެކަމަށް ދުނިޔޭގެ ލީޑަރުން އެދިވަޑައިގަތުމުން އިންފަންޓީނޯ އަށް އެކަން ކުރައްވާކަށް ކެރިވަޑައިނުގަތެވެ. ޓްރަމްޕް ކޯފާވެދާނެތީ އެވެ. އިރާން ފަދަ ގައުމުތަކަށް ވޯލްޑް ކަޕް ޑްރޯ އަށް އެމެރިކާ އަށް ދިއުމަށް ޓްރަމްޕް ވިސާ ނުދިނުމުން އެކަން ވެސް އިންފަންޓީނޯ އަށް ހައްލުކޮށް ނުދެވުނެވެ.

މިހެންވެ ހަގީގަތުގައި އިންފަންޓީނޯ ކުޅުއްވަމުންދަނީ ސިޔާސީ މެޗެއް ކަމާމެދު ޝައްކެއްނެތެވެ. މިކަމުގައި އެމެރިކާ އާއި ފީފާގެ ބޭނުމެއް އޮތް ކަމަށް ބެލެވެ އެވެ. އެމެރިކާގެ 250 ވަނަ މިނިވަން ދުވަހާ ދިމާކޮށް ވޯލްޑް ކަޕް ބާއްވާއިރު މުބާރާތް މެދުވެރިކޮށް 22 ބިލިއަން ޕައުންޑް އެމެރިކާގެ އިގްތިސާދަށް ޖަމާކުރެއްވުމަށް ވަނީ އަންދާޒާކޮށްފަ އެވެ. ފީފާ އާއި އެމެރިކާގެ ހިސާބުތަކުން ދައްކަނީ ވޯލްޑް ކަޕާ ދިމާކޮށް ދެ ލައްކަ ވަޒީފާ އިތުރުވެގެންދާނެ ކަމަށެވެ. 2023 އިން 2026 އަށް ނިޔަލަށް ފީފާ އަށް އާމްދަނީގެ ގޮތުގައި 10 ބިލިއަން ވެއްދުމަށް އިންފަންޓީނޯ ވަނީ އަމާޒު ކަނޑުއަޅުއްވާފަ އެވެ. މިކަން ކުރެވެން އޮތީ ޓްރަމްޕްގެ ކުރިފުޅުމަތީގައި ކުޑަކަކޫ ޖަހައިގެން ކަމަށްވާނަމަ އިންފަންޓީނޯ ކުޅުއްވަމުން ފީފާގެ ޖާޒީގައި އެމެރިކާގެ ޓީމަށެވެ.