ޚަބަރު

"ގެއްލުމަށް މަގުފަހިކޮށްދޭ ކަންކަން ޙަރާމް، ދުރުހެލިވާން ޖެހޭ"


  • ޙަރާމްކުރައްވައިފައިވަނީ، އެ ތަކެތީން ލިބިދާނޭ ބޮޑު ގެއްލުމަކަށްޓަކައި

  • ދުންފަތުގެ އިސްތިޢުމާލުކުރުމީ، ކުރެވޭ ބޮޑު އަނިޔާއެއް

  • ނުބައި ކަންކަންކަމަށް ހިތްވަރުދޭ މީހުން ރަޙުމަތްތެރީންކަމުގައި ނުބެލުމަށް ނަސޭހަތްތެރިވި

ގެއްލުމަށް މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލިވާންޖެހޭކަމަށާއި، އެފަދަ ކަމެއް ކުރުމަކީ ޙަރާމްކަމެއްކަމުގައި، ޢިލްމުވެރީން އިއްތިފާޤުވެވަޑައިގަންނަވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުުޠުބާގެ މައުޟޫއަކީ "ދުންފަތުން އިސްތިޢުމާލުކުރުމުގެ ގެއްލުން" މި މައުޟޫއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ މާތް ﷲ މި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއް އުފައްދަވައި، ފުޅާ ދާއިރާއެއްގައި އެ ތަކެތީގެ ބޭނުންހިފުން އިންސާނުންނަށް ހުއްދަކުރެއްވިކަމަށެވެ. ޙަރާމްކުރައްވައިފައިވަނީ، ނިސްބަތުން ވަރަށް މަދު އެއްޗެއްކަމަށާއި އެއީ، އެ ތަކެތީން ލިބިދާނޭ ބޮޑު ގެއްލުމަކަށްޓަކައިކަމަށް ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ދުންފަތަކީ، ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން، ކަމާ ގުޅޭ ގޮތުން ކުރެވިފައިވާ އެންމެހައި ދިރާސާތަކުން ސާބިތުވެފައިވާކަމަށެވެ. އެހެނަސް، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން، އަމިއްލަ އަތްތަކުން ތިމާމެންގެ އަމިއްލަ ހަށިތައް ހަލާކުގެތެރެއަށް ވައްޓައިލައި، ބުރަ މަސައްކަތުން، ހޯދާ ފައިސާ، ބޭކާރު ގޮތުގައި ހޭދަކޮށް، އަމިއްލަ ހަށިގަނޑަށް ގެއްލުންދޭކަމަށެވެ. އަމިއްލަ ބޭނުންތަކަށާއި، އަނބިދަރީންނަށާއި ގާތްތިމާގެ މީހުންނަށާއި، ޙާޖަތްތެރީންނަށް، އެ ފައިސާ ހޭދަކުރުމުގެ ބަދަލުގައި، އެއްވެސް ފިކުރެއް ނެތި، ތިމާގެ އަމިއްލަ އަތުން އަލިފާންޖަހައި، އަންދައިލަނީ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، ފުއްޕާމެއަށް ކެންސަރުޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބު. މީގެ އިތުރަށް، މި ކަމަކީ ހިތާ ގުޅިފައިވާ ލޭނާރުތަކުގައި ސަރުބީޖަހައި، ލޭހިނގުމަށް ދަތިވެ ހޮޅިތައް ބެދުމަށް މެދުވެރިވާ ކަން. އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ކެންސަރުޖެހި މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހިމެނޭ. ދުންފަތުގެ އިސްތިޢުމާލުކުރުމުން، މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅު ބައިގެންދިއުމަށާއި، ވިހެއުމުގެ ކުރީން ދަރިފުޅު މަރުވުމަށާއި، ގޮހޮރު ފާރުވުން ފަދަ ކަންތައްތަކަށް މަގުފަހިވޭ." ޚުޠުބާގައި ވިދާޅުވިއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، ސިނގިރޭޓެއް ބޮއި ނިމެންދެން، އެ މީހަކާ އެއް މަޖިލީހެއްގައި ހުރި މީހަކަށް، ސިނގިރޭޓެއްގެ ދެބައިކުޅަ އެއްބައި ބުއިމުން ލިބޭނޭ ގެއްލުން ހުންނާނީ ލިބިފައެވެ. އެހެންކަމުގައިވާ ނަމަ، ތިމާގެ ވަށައިގެން އުޅޭ މީހުންނާއި ތިމާއަށް ވުރެ ޢުމުރުން ދޮށީ މީހުންނާއި، އަނބިދަރީންނާއި، ގާތްތިމާގެމީހުންގެ މޫނާ ދިމާއަށް، ދުންފަތުގެ ވިހަ ދުން ދޫކުރުން ހެޔޮނުވާނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ގޭތެރޭގައްޔާއި، މީހުން އެއްވެ އުޅޭ ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުމުން، އެތަންތާނގައި ދިރިއުޅެމުންދާ އަހަރެމެންގެ ކުޑަކުދީން ދުޅަހެޔޮކަމާ އެކު ސާފު ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ގެއްލޭކަން އިޙްސާސުކުރެވޭ ބާވައެވެ! އެ ކުދީންނަކީ، މި ޙައްޤު ހޯދުމަށް ނުކުމެ، އެ ކަމާ ވަކާލާތު ކުރެވޭވަރުގެ ޤާބިލު ބަޔަކަށްނުވާ ހިނދު އެ ކުދީންގެ މި ޙައްޤުތައް ހޯދައިދިނުމީ ކޮންބަޔެއްގެ މަސްއޫލިއްޔަތެއްބާވައެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލުކުރުމީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމަޢުގެ ޙައްޤުގައި ކުރެވޭ ބޮޑު އަނިޔާއެއް ކަމަށެވެ. ވީއިރު، މި ސުންޕާ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، ވަރުގަދަ ޢަޒުމަކާއެކު ކުރިމަތިލާން ޖެހޭ ކަމަށާއި ފުރަތަމަ ތިމާގެ އަމިއްލަ ނަފުސު، ދެން ޢާއިލާ، އެއަށްފަހު މުޖުތަމަޢު ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމީ ބޮޑު އިސްރާފެކެވެ. ޚުޠުބާގައި ވިދާޅުވީ އިސްރާފުކުރުމީ އިސްލާމް ދީނުގައި ޙަރާމް ކުރައްވައިފައިވާ ކަމެއްކަމުގައެވެ. ޙަޤީޤީ ރަޙުމަތްތެރީންނަކީ، ހެޔޮ ކަންކަމަށް މަގުފަހިކޮށްދީ، ހެޔޮ ނަސޭހަތްދޭ މީހުންނެވެ. ނުބައި ކަންކަންކަމަށް ހިތްވަރުދޭ މީހުން ރަޙުމަތްތެރީންކަމުގައި ނުބެލުމަށް ނަސޭހަތްތެރިވެ، ގެއްލުންދޭ، އަދި ގެއްލުމަށް މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލިވާންޖެހޭކަމާއި، އެފަދަ ކަމެއް ކުރުމަކީ ޙަރާމްކަމެއްކަމުގައި، ޢިލްމުވެރީން އިއްތިފާޤުވެވަޑައިގެންފައިވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.