ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ އައު ޓަރމިނަލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ އިއްތިހާދު އެއަރވޭސްއަށް ޚިދުމަތް ދޭން ފަށައިފިއެވެ. އިއްތިހާދަކީ ވީއައިއޭ އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށި 29ވަނަ އެއަރލައިނެވެ.
ޓަރމިނަލް 1އިން އިއްތިހާދަށް ޚިދުމަތް ދޭން ފެށުމަށް ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި އިއްތިހާދު އެއަރވޭސްގެ އޭރިއާ މެނޭޖަރ ސެންޓްރަލް، ރެހާން މުޙައްމަދު ފާއިޒުއާއި، އެއަރޕޯޓު މެނޭޖަރ މުނާޒް އަލީގެ އިތުރުން، އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އިއްތިހާދު އެއަރވޭސްގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއަރލައިނުން ފުރި 305 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓަރމިނަލަށް ކައިރިކުރި އިއްތިހާދު އެއަރވޭސްގެ ފުރަތަމަ ފްލައިޓުން އައި 180 ފަސިންޖަރުންނަށް ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ޤާއިމްވެފައިވާ އިއްތިހާދު އެއަރވޭސްއަކީ އެ ގައުމުގެ ޤައުމީ އެއް އެއަރލައިނެވެ. އޭގެ އިތުރަށް އެއީ އެ ޤައުމުގެ ދެވަނައަށް އެންމެ ބޮޑު އެއް އެއަރލައިނެވެ. މި އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2011ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އަދި މިއީ މި ޓަރމިނަލުން ޚިދުމަތް ދޭން ފެށި ޔޫއޭއީގެ ތިންވަނަ އެއަރލައިނެވެ.
އިއްތިހާދު އެއަރވޭސްއާއެކު ޓަރމިނަލް 1އިން ޚިދުމަތް ދޭން ފެށި އެއަރލައިންތަކުގެ އަދަދު މިވަނީ 29އަށް އަރާފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދިނުމެވެ.