ޚަބަރު

ޕަރީ ފެންގަނޑު: ލ. ގަމަށް އިތުރު ހިތްގައިމުކަމެއް


  • ގުދުރަތީގޮތުން މުއްސަދިކަން ލިބިފައިވޭ

  • މި ފެންގަނޑަށް ތަފާތު ނަންތައް ވަނީ ދެވިފައި

  • ފެންގަނޑާ ބެހޭގޮތުން އެކި މީހުން ކިޔައިދޭނީ އެކި ވާހަކަތައް

ދުނިޔޭގެ ސުވަރުގެ ގޮތުގައި މަޝްހޫރުވެފައިވާ ދިވެހިރާއްޖެއަކީ ހަމައެކަނި އިރާއި، ވެއްޔާއި، ކަނޑުގެ ރީތިކަމަށްވުރެ މާ މުއްސަނދި ތަނެކެވެ. އިންސާނުންގެ އަތް ނުފޯރާ، ގުދުރަތީ ގޮތުން މުއްސަނދި ތަންތަނާއި ސިއްރުތަކެއް ފޮރުވިފައިވެއެވެ. މިފަދަ ހިތްގައިމު ބައެއް ތަންތަނަކީ ތާރީޚީ ވާހަކަތަކާއި، ޒަމާންތަކަށް ފެތުރިފައިވާ އަސަރުގަދަ ގަދީމީ ކަންތަކަކީ ރާއްޖޭގެ ރީތިކަން އިތުރުކޮށްދޭ އަޖައިބު ކުރުވަނިވި ކަންކަމެވެ.

ކަނޑުގެ ތެރޭގައި ބެހިފައިވާ ޖަޒީރާ ރަށްތަކަށް އޮންނަ މި ޤައުމުގައިވެސް ފެންގަނޑު ނުވަތަ ތެތްފިނި ބިންތަކަކީ ވަރަށް މަދުން ފެންނަ ގުދުރަތީގޮތުން ރީތި ތަންތަނެކެވެ. ހަގީގަތުގައި، މިފަދަ ފެންގަނޑުތަކަކީ ރަށްރަށުގެ ތިމާވެށީގެ ނިޒާމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަންތަނެވެ. އެއީ ފެންބޮޑުވުމާއި އެހެނިހެން ގުދުރަތީ ކާރިސާތަކުން ރަށްތައް ރައްކާތެރިކުރުމަށްޓަކައި ގުދުރަތީ ދިފާއީ ނިޒާމެއްގެ ގޮތުގައިވެސް ބެލެވެއެވެ. މިފަދަ ތަންތަނަކީ ގަސްގަހާގެއްސަށް ބޯފެން ފޯރުކޮށްދީ، ތަފާތު ބާވަތްބާވަތުގެ ދޫނިސޫފާސުއިއްޕާއި ކުދި ދިރޭތަކެއްޗަށް ހިޔާވަހިކަން ފޯރުކޮށްދޭ މުހިންމު ތަނެކެވެ.

މިފަދަ ހިތްގައިމު އެއް ތަނަކީ، ރާއްޖޭގެ އެންމެ ބޮޑު ގުދުރަތީ ރަށް ކަމަށްވާ ލ. އަތޮޅު ގަމުގައި ހުންނަ 'ޕަރީ ފެންގަނޑު' ނުވަތަ އެރަށު މީހުން ކިޔައިގޮތުންނަމަ ބޮޑު ފެންގަނޑުއެވެ. މި ފެންގަނޑަކީ ގުދުރަތީގޮތުން މުއްސަނދި، އެތަނަށް ލިބިފައިވާ ހިތްގައިމުކަމާއެކު މީހުންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ތަނެކެވެ.

ޕަރީ ފެންގަނޑަށް މި ނަން ދެވިފައިވަނީ އޭގެ ވަށައިގެން ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. ގަމުގެ މީހެއްގެ ކައިރިން ޕަރީ ފެންގަނޑާ ބެހޭ ގޮތުން ސުވާލުކޮށްފިނަމަ، ތަފާތު އެކި ޝައުގުވެރި ވާހަކަތައް ކިޔާދޭނެއެވެ. ބައެއް މީހުން ކިޔައިދޭނީ މި ފެންގަނޑުގެ ނަމާގުޅޭ ވާހަކަތަކެވެ. އެމީހުންގެ ވާހަކަތަކުގައި ފެންގަނޑުގެ ކައިރިން ޕަރީން އުދުހިފައިދާ މަންޒަރުތަކާއި، ބައެއް ފަހަރު ފެންގަނޑުން އަރައިގެން އިންސާނުންނާ އެއްގޮތް ސިފައެއްގެ ރޫހެއް ނުވަތަ ފަރީއެއް ފެންނަ ކަމަށްވެސް ކިޔައިދެއެވެ. މިފަދަ ވާހަކަތަކަކީ ފްލޯކް ވާހަކަތަކެއްގެގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރިޔަސް މިއީ ޝައުގުވެރި ވާހަކަތަކެކެވެ.

ގަމުގެ މި ފެންގަނޑަކީ އަޖައިބުން ފުރިފައިވާތަނެކެވެ. އެރަށު މީހުން ބުނާގޮތުގައި މި ފެންގަނޑުގެ ފުން މިނެއް ނޭނގެއެވެ. މި ފެންގަނޑަށް ގަލެއް އެއްލައިފިނަމަ އެ ގައު ހުވަދޫ ކަނޑުން އަރާނެކަމަށާއި، ފެންގަނޑުގެ އަޑި ބެލުމަށް ފޮނުވާލި ވާގަނޑުގެ ކޮޅު އަނދާފައި ހުރި ވާހަކަވެސް ބުނެވެއެވެ.

މިކަމުގެ ހަގީގަތް ހޯދުމަށް އެރަށު މީހުން ވަނީ މި ފެންގަނޑުގައި ފީނާފައެވެ. ގާތްގަނޑަކަށް 15 މީޓަރަށް (49 ފޫޓަށް) ފީނުމުން، ނުރައްކާތެރި ކަމަށް ބެލެވޭ ހޮހަޅައެއްގެ ފެނިފައިވާކަމަށް ބުނެފައިވެއެވެ. މިއީ ފުވައްމުލަކު ބަނޑާރަ ކިޅިއަށްވުރެވެސް ފުން ތަނެއް ކަމަށް ބުނެވެއެވެ. ބައެއް މީހުން އެހެން 'އެއްގޮތް' ހޮހަޅަތައްވެސް ކައިރިން ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ފެންގަނޑަކީ ގަމަށް ޒިޔާރަތްކުރާ މީހުން ކޮންމެހެންވެސް ބަލާލަން ދާން ޖެހޭ ލިސްޓުގައި ހިމެނޭ ތަނެކެވެ. މި ފެންގަނޑުގެ ތިމާވެށީގެ ޚާއްޞަ ސިފަތަކަށް ބަލާއިރު ކުޅިފާ ޗަސްބިމުގައި ހެދޭ ބާވަތްތަކުގެ ގަސްގަހާގެހީގެ ތެރެއިން ރަނޑޫ، ގިނަ އަދަދަކަށް ހެދިފައިވާކަން ފާހަގަކުރެވެއެވެ. އަދި ފެންގަނޑުގެ ވަށައިގެންވާ ސަރަހައްދުގައި ގިނަ އަދަދަކަށް ކިނބި ގަސް ހެދިފައިވެއެވެ. މި މާހައުލަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏާއި ހިޖުރަކުރާ ދޫނިތަކުގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށް މުހިއްމު މާހައުލެކެވެ. މީގެ އިތުރުން މި މާހައުލުގައި ދަނޑިފުޅު ދޫނި ވިހާ އާލާވާކަމަށް ރިކޯޑް ކުރެވިފައިވެއެވެ. އަދި ކުޅި ފާ ޗަސްބިން ސަރަހައްދަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުޞަތު ކުޑަކޮށް ދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ.

ކޮންމެއަކަސް ޕަރީ ފެންގަނޑު ވެފައިވަނީ، ގަމުގެ މުއްސަނދި ތާރީޚާއި، ގުދުރަތީ ރީތިކަމާއި، ސަޤާފީ ސިއްރުތަކާ ގުޅިލާމެހިފައިވާ ތަނެއްގެ ގޮތުގައެވެ. މިއީ ހަމައެކަނި ފެނުގަނޑެއް ނޫނެވެ. މިއީ ހިތްފަސޭހަ މަންޒަރުތަކާއި، ފޮރުވިފައިވާ ވާހަކަތަކުން ފުރިފައިވާ، ޒަމާނަށް ލިބިފައިވާ ހަދިޔާއެކެވެ. ގަމަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް ޕަރީ ފެންގަނޑުގެ ސިއްރުތައް ހޯދައި، އެތަނުގެ ހިތްގައިމުކަމުގައި ގެނބިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.