ތޫފާނެއްގެ ސަބަބުން ސްރީލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެޤައުމަށް ވެދިން އެހީތެރިކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރާއްޖޭގައި އުޅޭ ލަންކާގެ ރައްޔިތުން އެއްވުމެއްް ބާއްވައިފިއެވެ.
ލަންކާ ރައްޔިތުންގެ މި އެއްވުން ބޭއްވީ، ބޮޑުތަކުރުފާނު މަގުގައި މާލެ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާއި ބެހޭ ބައިގެ ކުރިމަތީގައެވެ. މި އެއްވުމަށް ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ޖަމާވިއެވެ. ޖަމާވި ލަންކާގެ ރައްޔިތުން ތިބީ، ޝުކުރު ވެރިކަމުގެ ޕޯސްޓަރުތައް ހިފައިގެންނެވެ. މި ހަރަކާތް މިއަދު ހަވީރު 5:00 ޖެހިއިރު ފެށިއިރު، އެއްވުން ކުރިއަށް ގެންގޮސްފައިވަނީ ހަމަހިމޭން އެއްވުމެއްގެ ގޮތުގައެވެ.
ލަންކާ ރައްޔިތުންގެ ޝުކުރުގެ އެއްވުމަށް އެއްވި ބައެއް މީހުން ވަނީ، އެމީހުންގެ ޝުޢޫރުތައް ޕީއެސްއެމް ނިއުސްއާ ޙިއްސާކޮށްފައެވެ. އެގޮތުން ދިވެހިން ދިން އެހީތެރިކަމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ ކަމަށާއި، ދިވެހިންގެ އެހީތެރިކަން ޚާލިސް ޝުކުރުގެ ހިތަކުން ބަލައިގަންނަ ކަމަށް އެމީހުން ބުންޏެވެ.
މިފަހުން ސްރީލަންކާއަށް ދިމާވެގެން އުޅޭ ކާރިސީ ހާދިސާގައި އެޤައުމަށް އެހީތެރިވުމަށް އެންމެ ފުރަތަމަ އަތުކުރި އޮޅާލި އެއް ޤައުމަކީ، އަވަށްޓެރި ދިވެހިރާއްޖެކަން އެޤައުމުގެ ރައްޔިތުން ފާހަގަކުރިއެވެ. އަދި ރާއްޖެއަކީ، ކުޑަ ޤައުމެއް ނަމަވެސް، ދިވެހިން ދިން އެހީތެރިކަން ބޮޑުކަން ލަންކާގެ ރައްޔިތުން ފާހަގަކުރިއެވެ.
އެއްވުމުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަން ވިދާޅުވީ، ލަންކާއަށް ދިމާވެފައިވާ ހިތްދަތި ދަނޑިވަޅުގައި ރާއްޖެއިން ދިން އެހީތެރިކަން ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ ކަމަށެވެ.
ލަންކާއަށް ވެދިން އެހީތެރިކަން ފާހަގަކުރައްވަމުން ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ދިވެހި ސަރުކާރަށާއި، އަމިއްލަ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.
"ލަންކާއާއި ރާއްޖެއާ ދެމެދު މި އޮތް ގުޅުން އެއްވެސް މީހަކަށް އަދި އެއްވެސް ފަރާތަކަށް ބައިބައި ނުކުރެވޭނެ. މި ގުޅުމަކީ، ދުވަހަކުވެސް ބައިބައިވާނެ ގުޅުމެއް ނޫން. މި ސަރަހައްދުގައި ލަންކާއާ އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމަކީ، ރާއްޖެކަން މި އެހީތެރިކަމުން ދައްކުވައިދީފި." ސަފީރު ވިދާޅުވިއެވެ.
ބާރުގަދަ ތޫފަނަކާ ގުޅިގެން ސްރީލަންކާގެ އެތައް ބަޔަކު މަރުވެ، ހިތާމަވެރި އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ. މަރުވި މީހުންގެ އަދަދު 355އަށް އަރާފައިވާއިރު، ގެއްލުނު މީހުންގެ އަދަދު 366އަށް އަރައެވެ. އަދި ތޫފާނުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ކިސަޑު ފޭބުމުގެ ސަބަބުން 200،000 މީހުން ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކުރަން ޖެހިފައެވެ.
ސްރީލަންކާއަށް ދިމާވެފައިވާ ހިތްދަތި މި ކާރިސީ ދަނޑިވަޅުގައި ޤައުމީ މީޑިޔާ ޕީއެސްއެމް އިސްނަގައިގެން ރާއްޖޭގެ އެހެން މީޑިއާތައް ގުޅިގެން އެ ޤައުމަށް އެހީވުމަށް ވަނީ، ޚާއްސަ ޓީވީ ޓެލެތޯނެއް ކުރިއަށް ގެންގޮސްފައެވެ. މި ޓެލެތޯނުގެ ތެރެއިން 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ، ޖަމާވެފައެވެ. އަދި ދިވެހި ސަރުކާރުންވެސް ވަނީ، ލަންކާއަށް 50،000 ޑޮލަރާއި، 25،000 މަސްދަޅު ކޭސް ދީފައެވެ.
ޚާރަޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ޓެލެތޯނާއި، ދިވެހި ސަރުކާރުގެ އިތުރުން އަމިއްލަ ދިވެހި ވިޔަފާރިވެރިން ފޯރުކޮށްދިން އެހީތަކާއެކު ރާއްޖެއިން ލަންކާއަށް ވި އެހީތެރިކަން 2.4 މިލިޔަން ޑޮލަރަށް އަރައެވެ.