ކުޅިވަރު

މޯލްޑިވްސް ޓީ-10 ސްމޭޝް ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލްއަށް


  • ސީބީއެލް ޗެމްޕިއަންކަން ހޯދީ ވިޗެންޒާއާއި ވާދަކޮށް 52 ރަން އިން މެޗު ކާމިޔާބުކޮށްގެން

  • މުބާރާތުގެ ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ތަރަކަ ރުވާން

  • މުބާރާތުގައި ވާދަކޮށްފައިވަނީ ކުރިކެޓުގައި މިވަގުތު ރާއްޖޭގެ އެންމެ ވަރުގަދަ 6 ޓީމު

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި މޯލްޑިވްސް ޓީ-10 ސްމޭޝް ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލްއިން ހޯދައިފިއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވިޗެންޒާއާއި ވާދަކޮށް 52 ރަން އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ފައިނަލު މެޗު ޝަރަފުވެރިކޮށްދެއްވައި، ޗެމްޕިއަން ޓީމަށާއި، ރަނަރަޕް ޓީމަށް ޓްރޮފީ ޙަވާލުކޮށްދެއްވީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަންއެވެ.

މޯލްޑިވްސް ޓީ-10 ސްމޭޝް ކުރިކެޓް މުބާރާތުގެ ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 46 ރަން އިން 4 ވިކެޓް ނެގި ސީބީއެލްގެ ތަރަކަ ރުވާންއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވުނީ މިމުބާރާތުގަ 255 ރަން ހަމަކުރި އެމްއެސްއެޗްއެޗްއެސްއޭގެ އެރަންޑާ ސަންޖީވާއެވެ. މީގެ އިތުރުން 7 ވިކެޓު ނެގި މާލޭ ސްޕޯޓްސްގެ އިބްރާހިމް ރިޒާންއަށް މުބާރާތުގެ އެންމެ މޮޅު ބޯލަރުކަން ލިބުނުއިރު، މުބާރާތުގެ ހުރިހައި ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ 498 އެމްވީޕީ ޕޮއިންޓާއެކު މާލޭ ސްޕޯޓްސްގެ މުޙައްމަދު ޝިޔާމެވެ.

މިމުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސީބީއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަޙުމަދު ޙުސައިން ވިދާޅުވީ މުބާރާތަށް ވަރަށް ބޮޑު ތަރުޙީބެއް ލިބުނުކަމަށެވެ. މިމުބާރާތް ކުރިއަށް ދިޔައީ 10 އޯވަރު ކުޅޭގޮތަށްކަމަށާއި، މިއީ މިހާރު ކުރިކެޓުގައި އެންމެ ގިނަ ބަޔަކު ސަޕޯޓުކުރާ ފޯމެޓްކަން އޭނާ ހާމަކުރެއްވިއެވެ.

"މިހާރު ކުރިކެޓުގައި މި ވާގޮތަކީ ކުރު ފޯމެޓްތައް މިވަނީ މިހާރު އެންމެ ވާދަވެރި އެންމެ މީހުން ބަލާހިތްވާ، އެންމެ ކުޅޭ ހިތްވާ ފޯމެޓަށް. އެއީ ވަރަށް ކުޑަ ވަގުތުކޮޅެއްގައި ނިމިފައި، ކުޑަ އޯވަރުތަކެއްގަ ސްކޯކުރަން ބޭނުންވާތީ، އާންމުކޮށް ހައެއް ހަތަރަކަށް ޖަހަން މަސައްކަތްކުރަމުންދާނީ. އެހެންވީމަ ވަރަށް ފޯރީގަ ކުޅެމުން މިދިޔައީ މުބާރާތް" އަޙުމަދު ވިދާޅުވިއެވެ.

މިމުބާރާތް ކުރިއަށް ދިޔައީ މިދިޔަ ނޮވެމްބަރުމަހުގެ 14 އިން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ކޯޓުގައެވެ. މި މުބާރާތުގައި ވާދަކޮށްފައިވަނީ މިވަގުތު ރާއްޖޭގެ އެންމެ ވަރުގަދަ ހަ ޓީމެވެ. ހަފްތާ ބަންދުގައި މެޗުތައް ކުޅެފައިވާ މި މުބާރާތުގައި ވާދަކުރި ޓީމުތަކަކީ ސީބީއެލް، މާލޭ ސްޕޯޓްސް، ނިއު ސްޓާރ، ކޮމެޓްސް، ވިޗެންޒާގެ އިތުރުން އެމްއެސްއެޗްއެޗްއެސްއޭއެވެ.