ދުނިޔެ

އައި.އެސްގެ އިސް ލީޑަރެއް މަރާލައިފި


ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތް "އައިއެސް" ގެ އެންމެ ގިނަދުވަސްވީ އެއް ލީޑަރު ކަމަށްވާ އަބޫ މުހަންމަދު އަލް އަދްނާނީ ސޫރިޔާގެ ހަލަބްގައި އެމެރިކާ ސިފައިންދިން ހަމަލާއެއްގައި މަރުވެފައިވާކަން އެމެރިކާ އަދި އައިއެސް ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ. 

އަބޫ މުހަންމަދު އަލް އަދްނާނީ މަރުވި ޚަބަރު ގެނެސްދީފައިވަނީ އައިއެސް ޖަމާއަތާ ގުޅުން އޮންނަ އަލް އަމަގް ނޫސް އޭޖެންސީންނެވެ. އެމެރިކާގެ ޕެންޓަގަން އިން ބުނީ އެމެރިކާ ސިފައިން ހަލަބްގެ އަލް-ބާބް ސަރަހައްދުގެ ތަނަކަށް ހަމަލާދިނީ ސީދާ އޭނާޔަށް އަމާޒުކޮށްގެންކަމަށާއި އެހަމަލާގެ ނަތީޖާއާބެހޭ މައުލޫމާތު އަދިވެސް އިތުރަށް ސާފުކުރަމުން ދާކަމުގައެވެ.

ހަލަބްގެ ކޮންޓްރޯލް އަތުލުމަށް ސޫރިޔާ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދެމުންގެންދާ ހަމަލާތައް ފާއިތުވި ދެތިން ހަފްތާގައިވަނީ ވަރަށް ވަރުގަދަ ވެގެން ގޮސްފައެވެ. ސޫރިޔާގެ ސަރުކާރު ސިފައިންނަށް ރޫސީ ވިލާތުން މަދަދުވެރިވާ އިރު އިދިކޮޅު ފަރާތްތަކަށް އެހީތެރިވަނީ ހުޅަނގާ އެމެރިކާއިންނެވެ.

އައިއެސް ޖަމާއަތުގެ ސްޕޯކްސްމަންގެ ގޮތުގައިވެސް ހަރަކާތްތެރިވާ އަބޫ މުހަންމަދު އަލް އަދްނާނީ އަކީ ހުޅަނގަށް ވަރަށް ބޮޑަށް ނަފްރަތު ކުރާ، ހުޅަނގުގެ ބާރުތަކާ ދެކޮޅަށް ހަމަލާތައް ދިނުމަށްގޮވާލާ އެފަދަ ކަންކަން ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.