ޚަބަރު

ކެރަމް ވޯލްޑް ކަޕް: ހުރިހާ އިވެންޓަކުން އެއްވަނަ އިންޑިއާއަށް


  • އަންހެން އަދި ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަންވެސް ހޯދީ އިންޑިއާއިން

  • މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ޓީމު އިވެންޓުން ރިހި މެޑެލް ހޯދާފައި

ރާއްޖޭގައި ބޭއްވި ހަތްވަނަ ކެރަމް ވޯލްޑް ކަޕުގެ ހުރިހާ އިވެންޓެއްގެ އެއްވަނަ އިންޑިއާއިން ހޯދައިފިއެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި މި މުބާރާތް ރޭ ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި މުބާރާތުގެ ހުރިހާ އިވެންޓެެއްގެ އެއްވަނަ އިންޑިއާއިން ހޯދިއިރު، އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެ ގައުމުގެ ކީރުތާނާ ލޯގަނާތަންއެވެ. އަދި ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ޕްރަޝާންތު މޯރޭއެވެ.

މި މުބާރާތުގެ އަންހެން އަދި ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަންވެސް އިންޑިއާއިން ހޯދިއިރު، އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އެ ގައުމުގެ ކީރުތާނާ ލޯގަނާތަން އާއި ކާޖަލް ކުމާރީގެ ޕެއާއިންނެވެ. އަދި ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ސްރީނިވާސް ކޮމަރަވެއްލީ އާއި އަބީޖީތު ތުރިޕަންކަރުގެ ޕެއާއިންނެވެ. މީގެ އިތުރުން މި މުބާރާތުގައި ކުރިއަށްދިޔަ ސްވިސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިންޑިއާގެ އަބްދުލް އާސިފް އަބްދުލް ސަމަދެވެ.

މި ފަހަރުގެ ކެރަމް ވޯލްޑް ކަޕުގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ޓީމު އިވެންޓުން ރިހި މެޑެލް ހޯދާފައެވެ. މިއީ ކެރަމް ވޯލްޑް ކަޕުގެ ތާރީޚުގައި ޓީމު އިވެންޓުގައި ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ދެވަނަ މަގާމު ހާސިލުކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގެ އަންހެނުންގެ ޓީމު އިވެންޓުގެ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ.

މި ފަހަރުގެ ކެރަމް ވޯލްޑް ކަޕުގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 ޤައުމަކުން 150 އަށްވުރެ ގިނަ އެތުލީޓުން ވަނީ ވާދަކޮށްފައެވެ.

ކެރަމް ވޯލްޑް ކަޕަކީ އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން (އައީސީއެފް) އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. މިއީ ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބޭއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން ކެރަމް ވޯލްޑް ކަޕް ބޭއްވީ މީގެ 11 އަހަރު ކުރިން 2014 ވަނަ އަހަރެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓުގައެވެ.