ޚަބަރު

ޣައްޒާގެ އާސާރީ ބިނާތަކާއި ތަރިކަ ޙިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 70,000ށްވުރެ މައްޗަށް އުފުލިފައެވެ. ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ޤަތުލުޢާންމުގެ ދަށުން ދީފައިވާ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތި ކޮށްލާފައެވެ. މި ގޮތުން ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ތެރޭގައި ޣައްޒާގެ ތާރީޚާ ގުޅޭ އާސާރީ އެތަކެއް ތަރިކައަކާއި ބިނާތައް ހިމެނެއެވެ.

ޔަހޫދީންގެ ޙަމަލާތަކުގައި ގެއްލުންދީފައިވާ ތަރިކަތަކާއި އާސާރީ ބިނާތައް މަރާމާތުކޮށް، ޙިމާޔަތް ކުރުމުގެ މަސައްކަތް ޣައްޒާގެ ރައްޔިތުންނާއި ކަމާގުޅޭ އިދާރާތަކުން ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ޣައްޒާގައި ހުރި އެންމެ ދުވަސްވީ މިސްކިތް އަދި ތާރީޚީ ބިނާ ކަމުގައިވާ ޢުމްރީ މިސްކިތް ހިމެނެއެވެ. ތާރީޚީ ފަތްފުންތަކުން ހާމަވާ ގޮތުގައި އެއީ 1340ގެ އަހަރުތަކުގެ ތެރޭގައި ބިނާ ކޮށްފައިވާ އިމާރާތެކެވެ. އެ ތަން މިސްކިތެއްގެ ގޮތުގައި ބޭނުން ކުރަން ފަށާފައި ވަނީ ހަތް ވަނަ ޤަރުނުގެ ތެރޭގައެވެ.

ޔަހޫދީން ބުނީ، އެ ތަނަށް ޙަމަލާ ދީފައި ވަނީ، އެ ތަނުގެ ދަށުގައި މުޖާހިދުންގެ ޖަމާޢަތްތަކުން ބިނާ ކޮށްފައިވާ ބިންގަރާސްތަކެއް ނައްތައިލުމަށް ކަމުގައެވެ. ނަމަވެސް، އެ މިސްކިތުގެ ދަށުގައި އެ ފަދަ އެއްވެސް ބިންގަރާހެއް ފެންނާކަށް ނެތެވެ. ޣައްޒާގެ ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި ޔަހޫދީން އެ މިސްކިތަށް ޙަމަލާދީ، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ތާރީޚު ފުހެލުމުގެ ހީލަތްތެރި ނިޔަތުގައެވެ.

ޢުމްރީ މިސްކިތުގެ އިތުރުން ޔަހޫދީންގެ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ޣައްޒާގެ ތާރީޚީ ބިނާތަކުގެ ތެރޭގައި ޤަޞްރު އަލް-ބާޝާ ނުވަތަ ބާޝާގެ ގަނޑުވަރު ހިމެނެއެވެ. އެއީ، 13ވަނަ ޤަރުނުގައި މިޞްރާއި ސޫރިޔާ އަދި ފަލަސްޠީނުގެ ބިންތަކުގައި ރަސްކަން ކުރެއްވި އަލް-ސުލްޠާން އަލް-ޛުހަޔިރު ބީބާސް ބިނާ ކުރެއްވި ގަނޑުވަރެކެވެ. އެ ތަން އެންމެ ފަހުން ބޭނުން ކޮށްފައި ވަނީ ދާރުލްއާސާރެއްގެ ގޮތުގައެވެ. އެ ތަން ވެސް ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ވަނީ ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައެވެ.

ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ގެއްލުން ދީފައިވާ ތާރީޚީ ބިނާތަކާއި ތަރިކަތައް އަލުން އާރާސްތު ކުރުމަށް 133 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި ފަލަސްޠީނުގެ ފަތުރުވެރިކަމާއި ތަރިކައާ ބެހޭ ވަޒީރުގެ ނައިބުގެ އެސިސްޓެންޓް ޖިހާދު ޔާސީން ވިދާޅުވިއެވެ. ތިން މަރުޙަލާއަކަށް ބަހައިލައިގެން އެ މަސައްކަތް ފެށުމަށް ފަލަސްޠީނުގެ އިދާރާތަކާއި އެކުވެރި ދައުލަތްތައް (އދ)ގެ ތަރިކައާ ބެހޭ އިދާރާ (ޔުނެސްކޯ)އާ ގުޅިގެން މިހާރު ދަނީ ތައްޔާރުވަމުންނެވެ.